ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.

Ad
rt

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ބެންޒެމާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ. އޭނާ ފޮނުވާލު ހަމަލާ ގޮސްފައި ވަނީ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ބެޓިސްއިން އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ އެ ޓީމްގެ ނަބީލް ފެކީރްއެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހިލޭޖެހުން ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޑިފެންސް ކުޅުންތެރިޔާ ޑެނީ ކަރަވަހާލްއެވެ.

ރެއާލް މެޑްރިޑުން އަންނަނީ މި ސީޒަންގައި އެ ޓީމްގެ އެޓޭކް ވަރުގަދަ ކުރުމުގެ ގޮތުން، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ އެމްބައްޕޭ ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މި ނަތީޖާއާއި އެކު ރެއާލް ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު އެ ޓީމް މިވަގުތު އޮތީ ލީގުގެ އެއްވަނާގައެވެ.