ހއ. ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބްގެ ފަރާތުން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ބޭނުން ކުރުމަށް ހަތަރު ބެންޗް ހަދިޔާކޮށްފިއެވެ.

މި ބެންޗްތައް ފަރުމާ ކުރެވިފައި ވަނީ މޭޒެއް ހިމެނޭހެން އަދި އެ މޭޒުގެ ދެ ފަރާތުގައި ދަރިވަރުންނަށް އިށީންދެ ތިބެވޭހެން ގޮނޑި ހިމެނޭގޮތަށެވެ. އަދި ބެންޗް ފަރުމާކޮށްފައި ވަނީ އެއްތަނުން އަނެއްތަނަށް ފަސޭހައިން އުފުލޭގޮތަށެވެ.

Ad
rt

އެ މަރުކަޒުގައި ތަޢުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށް ސްކޫލު މާހައުލުގައި ފިލާވަޅުތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލުކޮށް އަދި އެތަނުގައި ތިބެގެން ހޯމްވޯކްތައް ހެދުންފަދަ ކަންކަން ކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމް ކުރުމުގެ ގޮތުން މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން ތައްޔާރުކޮށްފައިވާ ހަތަރު ބެންޗް އެ މަރުކަޒާއި ހަވާލު ކޮށްފައިވަނީ 18 އޯގަސްޓް 2021 ވީ ބުދަ ދުވަހުއެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން މިޑްލް ސްޕޯޓްސް ކުލަބުގެ ރައީސް ނަޝްވާން އިބްރާހީމް ވިދާޅުވެފައި ވަނީ އަތޮޅު ތަޢުލީމީ މަރުކަޒަށް އެފަދަ ބެންޗްތަކެއް ހަދިޔާކުރުމުގެ ބޭނުމަކީ އެ މަރުކަޒުގެ ގޯތިތެރެއަކީ ވެސް ކިޔެވުމާއި ގުޅޭ މާހައުލަކަށް ހެދުންކަމަށެވެ.

މިފަހަރު ހަތަރު ބެންޗް ހަދިޔާކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ބެންޗް ތައް ހަދިޔާކުރުމުގެ ވިސްނުން ކުލަބުގައި އެބައޮތް ކަމަށެވެ. ނަޝްވާން ވަނީ މި މަސައްކަތް ފުރިހަމަކަމާއި އެކު ނިންމާލުމަށް އެ ކުލަބުގެ މެމްބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް އެ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން ވަނީ މީގެކުރިން ވެސް އެ މަރުކަޒަށް ބޭނުންތެރި ކަންތައްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން މި އަހަރު ތެރޭގައި ހިންގާފައިވާ ފާހަގަ ކޮށްލެވޭ ކަންކަމުގެ ތެރޭގައި އެ ކުލަބުން އިސްނަގައިގެން އެ މަރުކަޒުގެ ޓީޗަރުންނަށް މާސްކް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އެ މަރުކަޒާއި ގުޅިގެން އޯޓިޒަމް ދުވަސް ފާހަގަކުރުމާއި، ސްކައުޓް އަދި ގާލްގައިޑް ކުދިންނާއި ގުޅިގެން އެ ރަށުގެ އެކި ސަރަހައްދުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް އެ ކުލަބުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެއިތުރުން އަތޮޅު ތައުލީމީ މަރުކަޒުގެ ކައިރީ ބެލެނިވެރިންނާއި، ދަރިވަރުން މަޑުކޮށްލާއިރު ހިޔާ ލިބޭފަދަ 3 ތަނެއް، އެ ކްލަބްގެ ފަރާތުން ވަނީ ހަދައިދީފައެވެ.

މިއަދު އެ ކުލަބުގެ ފަރާތުން އަތޮޅު ތަޢުލީމީ މަރުކަޒަށް ފޯރުކޮށްދިން އެހީތެރިކަން ބަލައިގަނެ އެ މަރުކަޒުން ވެސް ވަނީ މިޑްލް ސްޕޯޓްސް ކުލަބުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ނަޝްވާން އިތުރަށް ވިދާޅުވެފައި ވަނީ މިހާރުވެސް އެ މަރުކަޒުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބަކީ، އެރަށުގައި ގިނަ އިޖުތިމާއީ ހަރަކާތްތަކެއް ހިންގާ އެ ރަށުގެ ރައްޔިތުންނަށާއި، މުއައްސަސާތަކަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ހަރަކާތްތެރި ޖަމިއްޔާއެކެވެ.