މި ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުގައި އެންމެ ކާމިޔާބުކަމާއެކު ހިންގިދާނެކަމަށް އެންމެންހެން އިއްތިފާޤުވާ އެއް ވިޔަފާރިއަކީ ޓޫރިޒަމްގެ ވިޔަފާރިއެވެ. ރަށްރަށުގައި ގެސްޓްހައުސްތަކާއި، މޫދުކުޅިވަރުތަކާއި، ސަޤާފީ އެކިއެކި ކަންކަމާއި، ސްވެނިއަރ ފިހާރަތަކާއި އަދި އެ ނޫން ވެސް އެއާ ލާމެހިފައިވާ އެތައް ވިޔަފާރިތަކެއް ރަނގަޅަށް ހިންގަމުންދާތާ އަހަރުތަކެއް ވެފައިވާތީ، މިއީ ޤަބޫލުކުރެވޭ ކަމެއް ވެސް މެއެވެ.
އަދި ހަމައެއާއެކު، މި ދާއިރާގެ ތެރެއަށް މިހާރު ހޯމްސްޓޭގެ ވިޔަފާރި ވެސް މަޑުމަޑުން ތަޢާރަފްކުރުމުގެ މަސައްކަތްތައް ހިންގަމުންދާތީ، ޓޫރިޒަމްގެ ވިޔަފާރިތަކަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި މުސްތަޤްބަލް އޮތް އަދި ފައިދާހުރި ވިޔަފާރިއެއް ކަމާ މެދު އިތުރު ބަޙުސެއް ވެސް ނެތެވެ.
ލޯކަލް ޓޫރިޒަމް ނުވަތަ ރަށްތަކުގައި މި ކުރެވޭ ޓޫރިޒަމްގެ ވިޔަފާރިތައް މިހާރު ކާމިޔާބުކޮށް ހިންގަމުންގެންދިޔަސް، އެ ވިޔަފާރިތަކުގެ ހިންގުން ހަރުދަނާކުރުމާއި، އޭގެ ބައްޓަމާއި ވައްޓަފާޅިތައް އެކަށައަޅައި، އެއިން ދިމާވެދާނެ އެކިއެކި ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށްގެންދާނެ ގޮތުގެ މާ ގިނަ ގަވައިދުތަކަކާއި އުޞޫލުތަކެއް އަދި މިންގަނޑުތަކެއް ރަށްރަށުގައި އެކުލަވާލެވިފައިވާ ކަމެއް އަދި އެނގިފައެއް ނެތެވެ. މައި ސަރުކާރުގެ ބައެއް ކުދިކުދި ގަވައިދުތައް މެނުވީ، ރަށު ފެންވަރުގައި މި ވިޔަފާރި މޮނިޓަރކޮށް އޭގެ އިންތިޒާމްތަކާއި ތަރުތީބުތަކެއް ކަނޑައެޅިފައިވާ ތަނެއް ވެސް އަދި ނުފެނެއެވެ. އެހެންކަމުން އެއީ ނަޒަރު ސީދާކޮށްލުން މުހިންމު ކަމެކެވެ.
ދިވެހިރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މި ފަހުން ގެނެވުނު 8 ވަނަ އަދި 9 ވަނަ އިޞްލާޙާއެކު، ރަށްރަށުގައި ހިނގާ އަދި ހިންގާ އެންމެހާ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށްގެންދިޔުމުގެ ބޮޑެތި ބާރުތަކަކާއި އިޚްތިޔާރުތަކެއް އެ ރަށްރަށުގެ ކައުންސިލްތްކަށް މިހާރު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ރަށާ ގުޅޭ ގޮތުން އެތައް ކިތަންމެ ކަންތައްތަކެއްގައި ގޮތްތައް ކަނޑައަޅައި، އުޞޫލުތައް ހަދައި، ނިޒާމްތައް ޤާއިމްކުރުމުގެ ބާރު ވެސް ހިމެނެއެވެ. މި ދެންނެވި ބާރުތަކާއި އިޚްތިޔާރުތަކުގެ ބަތާނައިގައި، ރަށުގެ ޓޫރިޒަމްގެ ވިޔަފާރީގެ މުސްތަޤްބަލް އުޖާލާކުރުމާއި، ފުޅާކޮށް ފަހިކުރުމަށްޓަކައި ރަށު ފެންވަރުގައި ރަނގަޅު އަދި ހަރުދަނާ އުޞޫލުތަކަކާއި ގޮތްތަކެއް އެކަށައެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުން
ރާއްޖޭގެ ބައެއް ރަށްރަށުގައި ޓޫރިޒަމްގެ ޙަރަކާތްތައް މިހާރު ވަނީ ވަރަށް ފުޅާވެފައެވެ. އެ ގޮތުން ބައެއް ރަށްރަށުގައި ރާއްޖޭގެ މެދު ސައިޒުގެ ރިސޯޓެއްގައި ވެސް ނެތް މިންވަރަށް ޓޫރިސްޓް އެނދުތައް މިހާރު އެބަހުއްޓެވެ. އަދި ކޮވިޑް19 ގެ ކުރިން، އެ ފަދަ ރިސޯޓަކަށް އަންނަ ޓޫރިސްޓުންގެ އަދަދަށް ވުރެ ވެސް ގިނަ ޓޫރިސްޓުން އެ ރަށްރަށަށް ޒިޔާރަތްކޮށް، ޗުއްޓީ ހޭދަކޮށްފައިވެއެވެ. އެހެންކަމުން، އެ ފަދަ ރަށްރަށުގެ ކައުންސިލްތަކުން ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑެއް ރަސްމީކޮށް އުފައްދައި ޙަރަކާތްތެރިވުމުގެ މުހިންމުކަން ނުހަނު ބޮޑެވެ.
ޤާނޫނު ނަންބަރު 2020/31 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު – 9 ވަނަ އިޞްލާޙު) ގެ 22 ވަނަ މާއްދާގެ (ހކ) ގެ ދަށުން ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުމަކީ ކައުންސިލްތަކަށް ކުރެވިދާނެ ކަމެކެވެ. އެ މާއްދާގައި ބުނެފައިވަނީ ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުޞޫލުތަކާއި ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ ގަވައިދުތައް ހަދައި ފާސްކޮށް އެ ގަވައިދުތަކާއި އުޞޫލުތައް ތަންފީޒުކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން، ކައުންސިލްތަކުގެ ސިޔާސަތެއްގެ ގޮތުގައި ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމާއި، އެ ވިޔަފާރި ހަރުދަނާ ގޮތެއްގައި ރެގިއުލޭޓްކުރުން އެކަށައަޅައި، އެ މައްޗަށް އެކުލަވާލެވޭ ޤަރާރެއް ނުވަތަ ހުށަހެޅުމެއްގެ ގޮތުގައި ކައުންސިލްތަކުގެ ރަސްމީ ޢާންމު ބައްދަލުވުމެއްގައި އެ ރަށެއްގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުމަށް ފާސްކުރެވިދާނެއެވެ. އަދި މި ޤަރާރު ނުވަތަ ހުށަހެޅުމާއެކު، އެ ބޯޑު އެކުލެވިގެންވާ ގޮތާއި، އެ ބޯޑުގެ މެންޑޭޓް ނުވަތަ މަސައްކަތްތަކާއި، އަދި އެ ނޫން ވެސް ތަފްޞީލްތައް ހިމެނިދާނެއެވެ. އެހެންކަމުން، މި ބޯޑު އެކުލަވާލުމަށް ޤާނޫނީ ގޮތުން ހުރަހެއް އޮތް ކަމަކަށް ނުފެނެއެވެ.
ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އެކުލަވާލުން
ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އެކުލަވާލުމުގައި އެތައް ކިތަންމެ ގޮތްތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން ކޮންމެ ގޮތަކީ ވެސް ހަމަ ރަނގަޅު ގޮތްތަކެވެ. އެ ކައުންސިލަކުން އިޚްތިޔާރުކުރާނީ އެ ކައުންސިލަކަށް އެންމެ މުނާސަބު ގޮތެކެވެ. އަދި އެ ކަނޑައެޅޭ ގޮތެއް، އިސްވެ ދެންނުވުނު ޤަރާރު ނުވަތަ ހުށަހެޅުމުގައި ހިމަނާލަންވާނެއެވެ. ތިރީގައި އެ ވަނީ ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އެކުލަވާލެވިދާނެ ބައެއް ގޮތްތަކުގެ މިސާލުތަކެވެ.
- ކަނޑައެޅޭ ވަކި ޢަދަދަކަށް ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ހިމަނައި، އަދި ކައުންސިލުން ކަނޑައަޅާ ރަށުގެ ޓޫރިޒަމް ދާއިރާ ނުވަތަ ކަމުވޮށިގެންވާ ފަރާތްތަކެއް ހިމެނޭހެން ކައުންސިލާ ވަކިން، ހަމައެކަނި ކައުންސިލަށް ލަފާދޭ ބޯޑެއްގެ ގޮތުގައި އެކުލަވާލުން
- ކަނޑައެޅޭ ވަކި ޢަދަދަކަށް ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ހިމަނައި، އަދި ކައުންސިލުން ކަނޑައަޅާ ރަށުގެ ޓޫރިޒަމް ދާއިރާ ނުވަތަ ކަމުވޮށިގެންވާ ފަރާތްތަކެއް ހިމެނޭހެން ކައުންސިލްގެ އިދާރާގައި ދުވަހުން ދުވަހަށް މަސައްކަތްކުރާ ޔުނިޓެއް ނުވަތަ ސެކްޝަނެއްގެ ގޮތުގައި ބޯޑު އެކުލަވާލުން
- ކަނޑައެޅޭ ވަކި ޢަދަދަކަށް ރަށުގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާހުރި އަދި ކަމުވޮށިގެންވާ ފަރާތްތައް ހިމަނައިގެން ކައުންސިލާ ވަކިން، ކައުންސިލަށް ލަފާދޭ ބޯޑެއްގެ ގޮތުގައި ބޯޑު އެކުލަވާލުން
- ކަނޑައެޅޭ ވަކި ޢަދަދަކަށް ޢާންމުކޮށް އިޢުލާންކޮށްގެން ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ފަރާތްތަކެއް ހިމަނައި، ކައުންސިލަށް ލަފާދޭ ބޯޑެއްގެ ގޮތުގައި ބޯޑު އެކުލަވާލުން
- ކަނޑައެޅޭ ވަކި ޢަދަދަކަށް މެމްބަރުން ހިމަނައި، ދުވަހުން ދުވަހަށް ނުވަތަ ހަފްތާގެ ވަކި ދުވަސްތަކެއްގައި މަސައްކަތްކުރާ ގޮތަށް އުޖޫރަދީގެން ހިންގާ ބޯޑެއްގެ ގޮތުގައި ބޯޑު އެކުލަވާލުން
- ކަނޑައެޅޭ ވަކި ޢަދަދަކަށް މެމްބަރުން ހިމަނައި، ކައުންސިލްގެ ދަށުން ހިނގާ ވަކި އޮފީހެއްގެ ގޮތަށް މުވައްޒަފުން ވެސް ހިމެނޭ ގޮތަށް ދުވަހުން ދުވަހަށް ހިންގާ ބޯޑެއްގެ ގޮތުގައި އެކުލަވާލުން
މަތީގައި ދެންނެވިފައިވާ ގޮތްތަކުގެ އިތުރުން ވެސް، އެތައް ގޮތަކަށް މި ބޯޑު އެކުލަވާލެވިދާނެއެވެ.
ކޮންމެ ގޮތަކަށް ބޯޑު އެކުލަވާލިޔަސް، މީގައި މުހިންމު ކަމަކީ އެ ބޯޑުން ކުރާނެ މަސައްކަތްތައް ބޯޑުގައި ހިމެނޭ ފަރާތްތަކަށް ނުވަތަ މުވައްޒަފުންނަށް ސާފުކޮށް އެނގިފައި އޮތުމާއި، ސީދާ ރަށުގެ ޓޫރިޒަމް ކުރިއެރުވުމަށް ފޯކަސްކޮށްގެން ކައުންސިލަށް އެހީތެރިވެދިނުމަށްޓަކައި އެ މަސައްކަތްތައް ހަލުވިކަމާއެކު އަވަހަށް އަދި ބާރަށް ކުރިއަށް ގެންދިޔުމެވެ. (ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!