ހދ. އަތޮޅުގެ އެގާރަ ހާހަށް ވުރެ ގިނަ މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށްޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދު އާންމު ކުރެއްވި ހދ. އަތޮޅުން ކޯވިޑް ވެކްސިންޖެހި ގޮތުގެ މައުލޫމާތަށް ބަލާއިރު އެ އަތޮޅުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 11،748 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 13،685 މީހުންނެވެ. އެ އަތޮޅުން ވެކްސިން ޖަހަންޖެހޭ އާބާދީއަކީ 25،433 އެވެ.

Ad
rt

ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހދ. އަތޮޅުގެ 18 އަހަރުން މަތީ މީހުންގެ ތެރެއިން އެރަށެއްގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާފައި ވަނީ ނެއްލައިދޫންނެވެ. އެރަށުގެ 108 އިންސައްތަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ވަނީ 97 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ފިނޭންނެވެ. 95 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްގެން ތިންވަނާގައި އޮތީ ކުމުންދޫއެވެ.

މުޅިރާއްޖޭން މިހާތަށް ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 343،901 މީހުންނެވެ. ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 295،039 މީހުންނެވެ.

ރާއްޖޭގައި މިހާރު އޮތީ ކޯވިޑްގެ އާންމު ހާލަތެއް ކަމަށް ނިންމާފައިވާއިރު، ބަލި ޖެހޭ މީހުންގެ އަދަދު ދަށަށް ގޮސްފައި ވިޔަސް އިއްޔެ ވަނީ 137 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ވެރިރަށް މާލޭގައި ކޯވިޑްޖެހޭ ނިސްބަތް ދަށަށް ދިޔަ ނަމަވެސް، އަތޮޅުތަކުން ބަލިޖެހޭ ނިސްބަތްވަނީ މައްޗަށް ގޮސްފައެވެ.