"ނަފްރަތުގެ އަމަލު" ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ށ. ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފީވަކު ކައުންސިލްގެ އެމްޑީޕީ މެންބަރު އާމިނަތު ވަހީދާ ފިޔަވައި އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި ދިވެހި ދައުލަތުގެ ދީންކަމުގައިވާ އިސްލާމް ދީނަށާއި، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ފުރައްސާރަކޮށް އިހާނެތި ބަސްތައް ބުނުމަކީ ޤާނޫނުން ބާރު ލިބިގެން ކުރެވޭނެކަމެއްގެ ގޮތުގައި ކަނޑައަޅަން ދުރާލާ ރާވައިގެންއިސްލާމް ދީނުގެ ދުސްމަނުން މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކުރެވޭކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފީވަކުގެރައްޔިތުންނާއި އަދި ދިވެހި އެންމެހާ ރައްޔިތުން ފާޅުކުރަމުން ދާކަމަށެވެ.
ޤާނޫނުލްއުގޫބާތަށް ހުށަހެޅިފައިވާ އިޞްލާހުގެ ތެރޭގައި 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތުރުކުރެވި އެމާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ i އަދި ii އޮތް ގޮތުން އެއްވެސް ޖެހިލުމެއް ނެތި މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ބަދުބަސް ބުނެ ފުރައްސާރަ ކުރުން ހުއްޓުވުމަށްޓަކައި އެކަމާއި ދެކޮޅަށް ބަސްބުނުމަކީ ޤާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިގެންދާކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
އަދި މިއިސްލާހުތަކުގެ ސަބަބުން އިސްލާމް ދީނަށް ހަޖޫ ޖަހާ، މާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އަށް ނިސްބަތްކޮށް ބަދު ބަސްބުނެ ފުރައްސާރަކުރުމަކީ ސައްތައިން ސައްތަ މި އިސްލާމީ ޤައުމުގެ ޤާނޫނުހުއްދަކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅުނީ ކަމުގައި ބެލެވޭކަމަށާއި، މިކަމަށްޓަކައި އެ ކައުންސިލުން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމަށް އެ ބަޔާނުގައި ބުނެފަވެއެވެ.
"ޤާނޫނުލްއުގޫބާތަށް ހުށަހެޅިފައިވާ އިސްވެ ދެންނެވުނު އިޞްލާޙާއި މިކައުންސިލުން ދެކޮޅުކަމުގައި
ހާމަކުރުމާއެކުމާތް الله سبحانه وتعالى އާއި، އަދި މާތްރަސޫލާ محمد الرسول الله صل الله عليه وسلم އާއި، އިސްލާމް ދީނަށް ނިސްބަތްކޮށް ބަދުބަސް ބުނެ ފުރައްސާރަ ކުރުން ހުއްޓުވުމަށްޓަކައި އެކަމާއި ދެކޮޅަށް ބަސްބުނުމަކީ ޤާނޫނީ ކުށަކަށްވާގޮތަށް އެ އިސްލާހް ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ ތަމްސީލް ކުރަށްވާ މެންބަރަށް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ." ފީވަކު ކައުންސިލްގެ ބަޔާނުގައި ވެއެވެ.
މަރޮށި ކައުންސިލްގެ 5 މެންބަރުން ތެރެއިން ރައީސް އަލީ ރަޝީދު ޙަސަންއާއި، ނައިބު ރައީސް އަޙްމަދު މަނިކު އަދި މެންބަރު އާމިނަތު ރީނާއަކީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރަށްވާފައިވާ ބޭފުޅުންނެވެ. ދެން އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އިބްރީހީމް ރަޝީދަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެ ބަޔާނުގައި ސޮއި ނުކުރަށްވާ އާމިނަތު ވަހީދާ ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!