ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބެލްޖިއަމްއާއި ރަޝިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބެލްޖިއަމުން ކާމިޔާބު ކޮށްފިއެވެ.

މި މެޗު ބެލްޖިއަމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ބެލްޖިއަމުން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ލުކަކޫއެވެ. ލުކަކޫ އެ ލަނޑު ޖެހުމަށްފަހު ވަނީ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ޑެންމާކާއި ފިންލެންޑް ބައްދަލުކުރި މެޗުގައި ހޭނެތިގެން ދަނޑުމައްޗަށް ވެއްޓި ހާލު ސީރިއަސްވި ކުރިސްޓިއަން އެރިކްޝަންއަށް އެ ލަނޑު ހާއްސަ ކޮށްފައެވެ. ލުކަކޫއާއި އެރިކްޝަންއަކީ އިޓަލީގެ އިންޓަ މިލާނަށް ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ތޯމަސް މެނުއާރއެވެ. ބެލްޖިއަމުން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރަޝިއާއިން ކުޅުން ރަނގަޅު ކުރި ނަމަވެސް އެ ޓީމަށް މެޗުގައި ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ހޯދިފައި ނުވެއެވެ. މި މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައިވަނީ ލުކަކޫއެވެ. ލުކަކޫ މި ލަނޑޫ ކާމިޔާބު ކޮށްފައިވަނީ ތޯމަސް މުނިއާރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ ބެލްޖިއަމެވެ. ދެވަނާގައި ތިން ޕޮއިންޓާއިއެކު ފިންލެންޑް އޮތްއިރު ތިންވަނާގައި އޮތީ ޑެންމާކެވެ. ހަތަރުވަނާގައި އޮތީ ރަޝިއާއެވެ.

މިރޭ ވެސް މި މުބާރާތުގެ ތިން މެޗު އޮންނާނެއެވެ. ފުރަތަމަ މެޗުގައި މިރޭ 18:00 ގައި ބައްދަލުކުރާނީ އިނގްލެންޑާއި ކޮރޭޝިއާއެވެ. ދެވަނަ މެޗުގައި 21:00 ގައި ބައްދަލު ކުރާނީ އޮސްޓްރިއާއާއި ނޯތު މެސެޑޯނިއާއެވެ. މިރޭ ދަންވަރު 0000 ގައި ބައްދަލުކުރާނީ ނެދަލެންޑާއި ޔުކްރެއިންއެވެ.