ފަނޑުވުމެއް ނެތި، ފިޔަޖަހަމުން، މެދުކެނޑުމެއްނެތި ޚިދުމަތުގައި 25 އަހަރު ދެމިތިބިއެވެ. މާޒީގައި އުފުލަން ޖެހުނު ގޮންޖެހުންތައް ހިތަށް ސިފަކުރާ ހާލު، މާޒީން ކުރަހައިދިން އުފާވެރި ހަނދާންތަކާއެކުއެވެ. އާލަމީވަބާގެ މި ދަތި ދަނޑިވަޅު، އިހަވަންދޫ މަސްވެރިން ގުޅުން، އިމަގުގެ ޚިދުމަތުގެ ރިހިޔޫބީލަށް، އިމަގާއި އިމަގު ދެކެ ލޯބިވާ މިތުރުންނާއި މަދަދުވެރި، ދަރުމަވެރި އަތްތައް ގުޅި، މެހި ހިމުންވާނޭހެން ތެދުވަނީ އުފާވެރި ހަނދާންތައް 2 އަހަރަށް ދެމިގެންދާނެހެން މުނާސަބުކުރުމުގެ ޢަޒުމުގައެވެ.
އިމަގުގެ ވިސްނުމަކީ ރިހިޔޫބީލްގެ ހަނދާތައް ފެންނާނެ ވަރުކުރުމެވެ. ރައްޔިތުންނަށް މަންފާކުރަނިވި ތަސައްވަރުތަކެއްގައި ހަގީގީ ކުލަ ޖައްސައިދިނުމެވެ. ޒުވާނުންނަށް އުފާވާނެ، ހިތްފަހި ވެހިފަހި ރާސްތާތަކެއް އެކަށައަޅައިދިނުމެވެ. ފަންސަވީސް އަހަރުގެ މާޒީން ލިބުނު ދަރެސްގާހުން އިމަގުގެ ހިންގުން ވަނީ ޒަމާނީކުރެވިފައެވެ. މަރުކަޒީ ބާރުތައް ގޮފިތަކަށް ދޫކޮށްލެވި، އިސްވާރުން ކަނޑައެޅިފައެވެ. އިމަގުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އިމަގުގައި އުފެދިފައިފާ ގޮފިތަކުގެ ބެލުމުގެ ދަށުންނެވެ.
އިމަގުގެ ހަރަކާތްތައް މިހާރު ތަރުތީބުކުރެވިފައިވަނީ ރިހިޔޫބީލްގެ ތަސައްވަރާއި ލަނޑުދަނޑިއަށް ހޭރިޔާކޮށްގެންނެވެ. އިމަގުން މިހާރު ވަނީ ރިހިޔޫބީލްގެ ހަރަކާތްތަކާ ގުޅުވައިގެން ތަފާތު ކަންކަން ތަޢާރަފުކޮށްފައެވެ. އިމަގު ކުޅިވަރު ގޮފިން އެދަނީ "އަދު މާދަމާއަށް" ނަމުގައި ކުޅިވަރުގެ ތެރެއިން ޅަދަރިން ހާނުވައި ތަރުބިއްޔަތު ކުރަމުންނެވެ. އިމަގު ޢިލްމީ ގޮފިން އެގެންދަނީ މަންސަފާގެ ނަމުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ސްކޫލު މަދަރުސާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވައި، ޢިލްމު ފެތުރުމުގެ މާސިންގާ ޕްލޭނެއް ތަންފީޒުކުރަމުންނެވެ. އިމަގު ޕަބްލިކް ރިލޭޝަން ޓީމު،އިމަގު ޕީއާރު ޓީމުގެ ފަރާތުން މީސްމީޑިއާގައި އިމަގާ ގުޅޭ ޚަބަރުތައް އެގެން ދަނީ ތާޒާކަމާއެކު އަދާހަމަކޮށް އިމަގާ ވެހިންނާ ގުޅުވަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އިމަގުގެ އިތުރު ގޮފިތަކުގެ ހަރަކާތްތައް ވެސް މި މަގަށް އެއްހަމަ ވެގެންދާނެއެވެ.

ދެ އަހަރު ދުވަހަށް ދެމިގެންދާ ރިހިޔޫބީލްގެ އިހުތިފާލުތައް ނިމިގެންދާއިރު، އިމަގުން ތަސައްވަރުކުރަނީ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ހިތްފަހި ވެށްޓެއް ޤާއިމު ކުރެވޭނެ ގޮތަށެވެ. ހަށިހެޔޮ ޖީލަކަށް ބޭނުންވާނޭ ވަސީލަތްތައް ފެނިގެންދާނެ މަގުންނެވެ. އެކަމަށް ބޭނުންވާ ކަންކަން ތަރުތީބުކުރުމަކީ މި ދެ އަހަރު އިމަގުން ރާސްތާހިފައިގެން ކުރިއަށް ގެންދާނެ އެއްމެ ބޮޑެތި ކަންކަމުގެ ގޮތުގައިވަނީ ނިންމާފައެވެ. އިމަގުގެ ފަންސަވީސްވަނަ އަހަރީ ދުވަހުގެ ރަސްމީ އިހުތިފާލުތައް މި ހާލަތަށް ރިއާޔަތްކުރުމަށްފަހު ވަނީ ފަސްކުރެވިފައެވެ. ނަމަވެސް، އިމަގުގެ ރިހިޔޫބީލްގެ އިހުތިފާލުތަކުން ރައްޔިތުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ގެނެސްދޭނީ މަލިކުންނާއެކު އިމަގުން ފާހަގަކުރި އިމަގުގެ 20ވަނަ އަހަރީ ދުވަހާ އެއް ވަޒަނަކަށް ކިރޭނެ ހަރަކާތްތަކެއްގެ ސިފައިގައެވެ.

އިމަގުގެ ރިހިޔޫބިލް ފާހަގަކުރެވިގެންދާހިނދު، އިމަގުގެ ކާމިޔާބީތަކަކީ ރަންއަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީ ތަކެވެ.
ރަށަށް ޓަކައި، ރަށު ލޯތްބަށް ޓަކައި އިޖްތިމާއީ ޚިދުމަތަށްނުކުމެ މަސައްކަތްކުރެއްވި އިހަވަންދޫގެ ޝަރަފްވެރި ދަރުމަވެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން އިމަގުންވަނީ ، އިމަގު އިޖްތިމާއީ ޚިދުމަތުގެ ޝަރަފްގެ އެވޯޑް، ހައްގުވާ ފަރާތްތަކަށް އަރުވައިފައެވެ. މިހާތަނަށް 4 އަހަރު 39 ފަރާތަކަށް މި އެވޯޑްވަނީ ދީފައެވެ. މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިންނަށް ހާއްސަ އެވޯޑެއް އިމަގުން ވަނީ ކޮންމެ 3 އަހަރަކުން 1 އަހަރުދީ، 2 އެވޯޑް ހަފްލާއެއް ބާއްވައިފައެވެ. 2014 ވަނަ އަހަރު ހއ.އަތޮޅު ކުލަބް ޖަމިއްޔާތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކުލަބް ޖަމިއްޔާއެއްގެ ގޮތުގައި އިމަގު ހޮވިފައިވާތީ، ހއ. އަތޮޅު ކައުންސިލުންދޭ އުއްތަމަ އަތުތަވެރީންގެ އެވޯޑް އިމަގު ޖަމިއްޔާއަށްވަނީ ލިބިފައެވެ. .ކުޅިވަރުގެ ރޮނގުން ރާއްޖޭގެ ގައުމީ އަންހެން ވޮލީ މުބާރާތުގެ ރަނައަޕްކަން އިމަގުން ވަނީ ހޯދާފައއެވެ. 44 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ދެވަނަ ހޯދައިފައިވާއިރު، ޒޯން 1 ގެ އަންހެން ވޮލީ މުބާރާތާއި ފިރިހެން ވޮލީ މުބާރާތުގެ ދެވަނަ އިމަގުންވަނީ ހޯދައިފައެވެ.

ޕަބްލިކް ޕޮލިސީ ފޯރަމަކާއި ފިޝްމީލް އެޓް އިހަވަންދޫ ޕްރޮޖެކްޓަކާއި ރައިޓްސް ޓް އެމް ޕަވަރގެ ނަމުގައި ޔޫއެންޑީޕީންގެ ޕްރޮޕޯސަލްއެއް ކާމިޔާބުކޮށްފައިވާއިރު، 2018ވަނަ އަހަރު ރަށުފެންވަރުގައި ބޭއްވުނު ޤުރުއާން ކިޔެވުމުގެ މުބާރާތުގެ 2 ވަނަ ހޯދާފައިވެއެވެ. އޯލެވެލް އަދި އޭލެވެލްގެ ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ މުދައްރިސުން ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައިދީ، ޢިލްމީ ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ، މާސްޓަރސް ފެންވަރުގެ 25 މުދައްރިސުން ހިމެނޭ ޓީޗަރުންގެ ޕޫލެއް އެކުލަވައިލާ "އިމަގު މަންސަފާ"ގެ ނަމުގައި އެ ޕޫލްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް އަމާޒުކޮށްގެން 2021 ވަނަ އަހަރު ފެށިގެންދިޔައިރު، މި ޚިދުމަތުގެ ތެރެއިން މިހާތަނަށް 6 ރަށަކަށް ޓީޗަރސް ޕޫލުގެ ދަރުމަވެރިން ޒިޔާރަތްކޮށް ތަފާތު މާއްދާތަކުން ހިލޭސާބަހަށް ގަޑިތައް ނަގައިދިީފައިވެއެވެ.
ރަށުގެ ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއަށް އަހުލުވެރިކޮށް، ޒުވާނުން ނޫސްވެރިކަމުގެ ދާއިރާއަށް ނެރުމަށް ޓަކައި 2009ވަނަ އަހަރުގެ ތެރޭގައި "އަރާބާރު"ގެ ނަމުގައި ޑިޕާރޓްމެންޓް އިންފޮމޭޝަންގައި ރަޖިސްޓްރީކޮށްގެން މަޖައްލާއެއް އިމަގުން ވަނީ ނެރެފައެވެ. ރަށު ފެންވަރުގައި ރަށަށް ޓަކައި ޚިދުމަތްކޮށްދޭ ފަރާތަކުގެ އަގު ވަޒަންކޮށް، އަދުގެ ޖީލު އިޖުތިމާއީ ޚިދުމަތަށް ނެރެދިނުމުގައި އިހަވަންދޫގައި މަސައްކަތްކުރާ އެއްފަރާތަކީ އިމަގެވެ.
25 ވަނަ އަހަރީ ދުވަހުގެ ވީޑިއޯ ބެއްލެވެވުމަށް!
އިމަގު ޖަމިއްޔާއަށް ފަންސަވީސް އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އިމަގު ދެކެ ލޯބިވާ އެންމެހާ މުވާތިނުންނަށް އަރިސްކުރަމެވެ. ދަރުމައަށް ޓަކައި މަސައްކަތްކޮށްދެއްވި ތިބީންނާއި ދުރުތިބީންނަށެވެ. އިސް ސަފުގައި ތިއްބެވި ހިތްވަރުގަދަ އިސްވާރުންނާއި މައިދާނުގައި ތިއްބެވި މިތުރުންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުވަމެވެ. އިމަގުގެ ރިހި ދޫނިން ތަސައްވަރުކޮށްދޭ މިނިވަންކަމާއި ދިވެހިންގެ ލޭނާރުގެ ޚިދުމަތްތެރީންނަށް، މަސްވެރީންނަށް ތަހުނިޔާތައް ފަށްފަށްކުރަމުންނެވެ. މާތްﷲ އިމަގަށް އަދަށްވުރެ ފެހި،ފަހި އުޖާލާ ކުރިމަގެއް މިންވަރު ކުރައްވާށިއެވެ! އިމަގުގެ ރިހި ހަނދާންތަކުގެ ތަސައްވަރުތަކުގައި ހަގީގީ ކުލަތައް ޖެއްސުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ! އާމީން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!