ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ބީގައި ބަޔާން މިއުނިކް ގެ ދަނޑު ކަމށްވާ ޖަރުމަންގެ އެލިއަންޒް އެރީނާގައި ރޭ ރެޑްސްޓާ ބެލްގްރޭޑްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކާމާއިއެކު 3-0 ގެ ނަތީޖާ ކާމިޔާބުކޮށްފިއެވެ.
މެޗްގެ ފުރަތަމަ ގޯލް ބަޔާން މިއުނިކަށް ކާމިޔާބުކޮށްދިނީ މެޗްގެ 34 ވަނަ މިނިޓްގައި އިވަން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކިންގްސްލީ ކޯމަންއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ކިންގްސްލީ ކޯމަން ކާމިޔާބުކޮށްދިން ގޯލާއިއެކު 1-0 ން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ.
ބަޔާން މިއުނިކްގެ ދެވަނަ ގޯލް ފެނިގެންދިޔައީ މެޗް ނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ރޮބަޓް ލެވެންޑޯވްސްކީއެވެ. މެޗުގެ ފަހު މިނިޓްގައި ތިންވަނަ ގޯލް ބަޔާންއަށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.
ގުރޫޕް ބީގައި ހިމެނޭ އަނެއް ދެޓީމް ކަމަށްވާ ޓޮޓެންހަމް ހޮޓްސްޕަރސް އަދި އޮލިންޕިއާކޮސް ބައްދަލުކުރި މެޗް ނިމުނީ 2-2 ން ދެޓީމް އެއްވަރު ވެގެނެންނެވެ. އޮލިންޕިއާކޮސްގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްއިން ހަތަރު މިނިޓް ތެރޭގައި ވަނީ ދެ ގޯލްޖަހާ ލީޑު ނަގަފައެވެ.
ނަމަވެސް އޮލިންޕިއާކޮސްއިން ވަނީ ފަހަތުން އަރާ ދެ ގޯލް ޖަހާ ނަތީޖާ ހަމަކޮށްފައެވެ. މެޗްގެ ފުރަތަމަ ގޯލް ޓޮޓެންހަމް އަށް ލިބުނު ޕެނެލްޓީއަކުން 26 ވަނަ މިނިޓަގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.
ބެން ޑޭވިސް ތަނަވަސްކޮށްދިން ފުރުސަތަކުން ލޫކަސް މޯރާ ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފް ނިމެން މިނިޓެކަށް ވެފައި ވަނިކޮށް އޮލިންޕިއާކޮސްއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ވަނީ 2-1 ބަދަލުކޮށްފައެވެ. އޮލިންޕިއާކޮސްގެ ދެވަނަ ގޯލް މެޗްގެ 54 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުން މެތިއު ވަލްބުއެނާއެވެ.
މެންޗެސްޓަރ ސިޓީ ހިމެނޭ ގުރޫޕް ސީގައި ސިޓީ އާއި ޝަކްތަރ ޑޮނެސްކް ބައްދަލުކުރި މެޗްވެސް ފަސޭހަ ކަމާއިއެކު 3-0 ން ސިޓި ވަނީ ކާމިޔާބުކޮށްފައެވެ. މެންޗެސްޓަރ ސިޓީން ފުރަތަމަ ހާފްގައި ދެ ގޯލް ކާޟިޔާބު ކުރިއިރު ފަހުގޯލް ފެނިގެންދިޔައީ ފަހު ހާފްގައެވެ.
މެޗްގެ ފުރަތަމަ ގޯލް ރިޔާދް މަހްރޭޒް ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް މަހްރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން އިކޭ ގުންޑަގޮންއެވެ. ފަހުގޯލް މެޗުގެ 76 ވަނަ މިނިޓަގައި ކާމިޔާބުކުރީ ގެބްރިއަލް ޖީސަސްއެވެ.
ގުރޫޕްސީގެ އަނެއް މެޗްގައި ޑައިނަމޯ ޒެގްރެބް ވަނީ އެޓްލާންޓާ 4-0 އިން ބަލިކޮށްފައެވެ. މި މެޗްގައި މިސްލަވް އޮރިސިޗް ވަނީ ހެޓްރިކް ހަދާފައެވެ. ޑައިނަމޯ ޒެގްރެބްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ލިއޯވެޗްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!