ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެވަގުތެއްގައި ދީފައިވާ ހަމަލާގައި މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ އެއްވެސް އަތެއްވާ ކަމަށް ގަބޫލެއް ނުކުރައްވާކަމަށާއި އަދި ތަހުގީގުގައި ވެސް އެމްއެންޑީއެފުން ދަނީ އެހީތެރިވެދެމުންކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅެއްޖެއެވެ.

ސަމާލް މިހެންވިދާޅުވީ މިރޭ ގައުމީ ދިފާއީބާރުން ބޭއްްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

މިނޫސް ވެރިންގެ ބައްދަލުވުމުގައި ސަމާލް ވިދާޅުވީ މި ހަމަލާގައި ސިފައިންގެ އެއްވެސް އަތެއް ނޯންނާނެކަމަށާއި އެމްއެންޑީއެފްގެ ތެރެއިން އެކަހަލަ ކަމެއް ނުހިނގާނެކަމަށެވެ. އަދި އެފަދަ ކަމަކަށް ޝައްކުވާ އެއްވެސް ކަމެއް ނެތްކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް ނަޝީދު ގެއިން ނުކުމެ ވަޑައިގެންނެވީ 8:25 ގައިކަމަށާއި އެމަނިކުފާނާއެކު ބޮޑީގާޑުން ތިއްބެވިކަމަށާއި ވަޑައިގެންނެވީ ހިންގަވާފައި ކާރަށް އަރާވަޑައިގެންނެވުމަށްކަަމަށެވެ. އަދި ވަޑައިގަންނަވަނިކޮށް 8:27 ހާއިރު އެތަނުގައި ކަންމައްޗަށްވާ ގޮތަކަށް ހުރި ސައިކަލެއްގައި ހުރި އައިއީޑީއެއް ގޮއްވާލިކަމަށެވެ.

މިއީ ވަރަށް ނުރައްކާތެރި ހަމަލާއެއް. ހަމަލާއާއެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓި ވަރަށް ބޮޑަށް އަނިޔާވި.

ޗީފް އޮފް ޑިފެންސް ޝަމާލު ވިދާޅުވި އެވެ.

ރޭދިން ހަމަލާއާއި ގުޅިގެން އެލާޓް ލެވެލް މިހާރު މިވަނީ ޓެރަރިޒަމްގެ ހަމަލާއެއް އައިސްގެން އެންމެ މަތި ކުރެވޭނެ މިންވަރަށް މަތިކޮށްފައިކަމަށް ވިދާޅުވި އެވެ. ހަތިޔާރާއެކު ސިފައިންގެ ދައުރު ވާނީ ފުޅާކޮށްފައިކަމަށާއި ސިފައިން ރާއްޖޭގެ ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ހުރިހާ ކަމެއް ކުރެވެމުންދާނެކަމަށް ވިދާޅުވި އެވެ. އަދި މާލެ ތެރެ ބެލެހެއްޓުމުގައި ވެސް ސިފައިން ހަރަކާތްތެރިވަމުންދާނެކަން ފާހަގަކުރެއްވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ)ގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މީހުންގެ ފުރާނަ ދުއްވާލެވޭ ފަދަ ހަމަލާތައް ދޭން ކެރޭ ވަރުގެ މީހުން ތިބުމަކީ އަޅުގަނޑުމެން ލަދުގަންނަން ޖެހޭ ކަމެއްކަަމަށާއި މިއީ އަޅުގަނޑުމެންގެ އިގުތިސޯދަށާއި ސިނާއަތްތަކަށް ގެއްލުންވާނެ ކަމެއްކަަމަށެވެ. އަދި އަޅުގަނޑުމެން މިކަމުގައި އެކަތިގަނޑަކަށް ވާން ޖެހޭކަމަށް ވިދާޅުވި އެވެ.

ބްލޭމް ގޭމަކަށް ދިޔުމަކުން ވާނެ ފައިދާއެއް ނެތް. ސިފައިންނަށް ނުވަތަ ފުލުހުންނަށް އެފަދަ މައުލޫމާތެއް އެނގޭނަމަ އެފަދަ ނުރައްކާތެރި ހާލަތަކަށް އެއްވެސް ބޭފުޅަކު އެކްޕޯސެއް ނުކުރާނެ

ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.

ނަޝީދުގެ ކާރުކޮޅު ކައިރީގައި ރޭ ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެގޮތުން އެ ހަމަލާއާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާއިރު ނަޝީދުގެ ހާލުކޮޅު ކްރިޓިކަލް ކަމަށް އެމަނިކުފާނަށް ފަރުވާ ދެމުން ގެންދަވާ އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ އެލާޓް ލެވެލްތައް މިހާރު ވަނީ މަތިކޮށްފައެވެ.