މިއަހަރުގެ ޖޫން އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް ހުންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށްފަހު، އިތުރަށް ދެއްކެވި ވާހަކާގައި އެވެ.

Ad
rt

މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސް ނުލިބި ބާކީ ހުރި ރަށްތަކަށް ވާވަރަށް ދެންއަންނަ ބުރުގައި އެމްބިއުލާންސް ލިބޭނެ ކަމަށެވެ. އަދި ގެންނަން މަސައްކަތް ކުރަށްވަނީ އާ އެމްބިއުލާންސް ކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ އެމްބިއުލާންސް ލިބޭނެ ކަމަށް އަޅުގަނޑުމެން ލަފާކޮށްގެން މި އުޅެނީ އެޕްރީލް މަހުގެ ތެރޭގައި، އެހިސާބުގައި
އެމްބިއުލާންސްތައް ލިބެން ފަށާނެ. އެހިސާބުން އަޅުގަނޑުމެން އެބަ ގެންނަން ހަމަ ހުރިހާ ރަށަކަށް ވާވަރަށް އެމްބިއުލާންސް. އެހެންވީމާ، ދައްޗެއް ނުވާނެ. ހަމަ އައު އެމްބިއުލާންސް އިރާދަކުރެއްވިއްޔާ، އެއީ އަޅުގަނޑުމެން އަމިއްލައަށް ގަނެގެން ގެންނަ އެމްބިއުލާންނާއި، ޖަޕާން ސަރުކާރުން ދޭ އެމްބިއުލާންސާއި، އަދިވެސް އެހެން ޕްރޮގްރާމެއްގެ ދަށުން އަޅުގަނޑުމެންނަށް ގަނެވެން އެބައޮތް އެމްބިއުލާންސް އެވެސް އަޅުގަނޑުމެން ގެންނާނަން. އެހެންވީމާ، މިއަހަރުގެ ޖޫން އަންނަންވާއިރަށް އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި އެމްބިއުލާންސްތައް ހުންނާނެ.'' މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ޖޫން އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް ހުންނާނެކަމުގެ ޚަބަރު މަޖިލިސްގެ މެންބަރުންނާ ހިއްސާކޮށްލަން ބޭނުންފުޅު ކަމަށެވެ.