އެމެރިކާއިން ނިއުކްލިޔާ މިސައިލް އުފައްދާކަމުގައިވާނަމަ، ރަޝިޔާ އިންވެސް މަޑުން ނޯންނާނެކަމަށާއި އަދި ރަޝިޔާ އިންވެސް އެފަދަ މިސައިލް އުފެއްދުމުގެ މަސައްކަތް ފަށާނެކަމަށް ހާމަކޮށްފިއެވެ. ރަޝިޔާގެ ފަރާތުން އެޤައުމުގެ ރައީސް ވްލެޑްމިޔާ ޕޫޓިން މިހެން ވިދާޅުވީ، އިޤުތިޞާދީ ފޯރަމެއްގެ ތެރެއިންނެވެ.
މީގެކުރިން އުފެއްދުން ހުއްޓާލަން ނިންމާފައިވާ ބާވަތެއްގެ މިސައިލް އެމެރިކާ އިން އުފައްދައިފިނަމަ ރަޝިޔާ އިންވެސް އެކަން ކުރާނެކަމަށް ޕޫޓިން ވިދާޅުވީ، އެފަދަ ބައެއް މިސައިލް އޭޝިޔާގައި ހިންގަމުން އަންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގެންދަން އުޅޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީއެވެ.
މިދިޔަ މަހުގެ ތެރޭގައި "ރޮއިޓަސް" އަށް މައުލޫމާތު ދެމުން އެމެރިކާގެ ޑިފެންސް ސެކެރެޓަރީ، މާކް އެސްޕާ ވިދާޅުވެފައިވަނީ ބާރުގަދަ ބައެއް ބާވަތްތަކުގެ މިސައިލް، ޖަޕާނާއި ދެކުނު ކޮރެޔާގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުގައި ބަހައްޓަން ބޭނުންވާކަމުގައެވެ.
އެހެންނަމަވެސް، އޭގެ މާނައަކީ އެކަން ކުރާނެ ކަން ނޫންކަމަށާއި އަދި އެކަމަށްޓަކައި އަދި އަހަރުތަކެއް ނެގުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ. އަދި މި މިސައިލުތައް އުފެއްދުމަށްވެސް ވަގުތު ނަގާނެކަމަށާއި މި ތަކެތި މި މަރުކަޒުތަކަށް ގެންދިއުމުގެ ކުރިން އެމެރިކާގެ ބައިވެރިންނާއެކު މަޝްވަރާތައްވެސް ކުރިއަށް ގެންދާނެކަމުގައެވެ.
މިކަމަށް ރައްދު ދެއްވާ ރައީސް ޕޫޓިން ވިދާޅުވީ އޭޝިޔާ ސަރަޙައްދުގައި އެމެރިކާއިން، ތައްޔާރީ ޙާލަތުގައި މިސައިލު ބެހެއްޓުމަކީ ރަޝިޔާގެ ސަލާމަށް އޮތް ނުރައްކަލެއްކަމުގައެވެ.
ބައެއް ޒާތުގެ މިސައިލް އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާ އާއި ކުރީގެ ސޯވިއެޓް ޔޫނިއަންއާއެކު ވެފައިވާ އެއްބަސްވުމަކުން މިދިޔަ މަހުގެ ކުރީކޮޅު އެމެރިކާ އިން ވަނީ ވަކިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!