މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ.ގެ އާއްމު މަޖިލީހުގައ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަގުރީރު ކުރައްވަން ނިންމަވައިފިއެވެ.
އދ.ގެ މެމްބަރުގެ ޤައުމުތަކުން ކޮންމެ އަހަރަކުވެސް ބައްދަލުވެ، އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް މަޝްވަރާކުރުމަށް ބާއްވާ މި މަޖިލިސް ކުރިއަށް ގެންދަނީ ނިއު ޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓަސްގައެވެ.
ހަ އަހަރު ދުވަސްފަހުން ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މި މަޖިލީހަށް ވަޑައިގެންފައިނުވެއެވެ.
އދ.ގެ އާއްމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީ އަކީ ޤައުމުތަކަށް ދިމާވާ މައްސަލަތައް، ބައިނަލްއަޤުވާމީ މައިދާނަށް ގެންގޮސް، އެމައްސަލަތަކަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް ލިބޭ އެންމެ ބޮޑު އެއް ޕްލެޓްފޯމެވެ. ހަމައެހެންމެ، އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން އެކި ޤައުމުތަކާ ގުޅުންހުރި އެހެން ބައެއް މުހިއްމު ކަންތައްތައްވެސް ކުރިއަށްދެއެވެ.
ރައީސްގެ ތަގުރީރާ ގުޅޭގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. އެހެންނަމަވެސް، މައުލޫމާތު ލިބޭގޮތުގައި އެމަނިކުފާނުގެ ތަގުރީރުގައި ތިމާވެށި ހިމާޔަތްކުރުމާއި، އިންސާނީ ހައްގުތައް ކަށަވަރުކުރުން އަދި ރާއްޖޭގެ މަޝްރަހަށް އަލިއަޅުއްވާލައްވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!