މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި 508.88 މިލިއަން ރުފިޔާ ގުރީން ފަންޑަށް ލިބިފައިވާއިރު، އެކި މަޝްރޫއުތަކަށް 165.31 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ތިމާވެށީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް ގާއިމްކޮށްފައިވާ ގްރީން ފަންޑަށް މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޖުލައި މަހު އެ ފަންޑަށް 49.99 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެއީ، ރިސޯޓުތަކުން ލިބުނު 46.25 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.12 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބުނު 1.64 މިލިއަން ރުފިޔާގެ އިތުރުން ސަފާރީ އުޅަނދުތަކުން ލިބުނު 989,658 ރުފިޔާ އެވެ.
ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތައް އަދި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ބޭރުގެ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ޖަމާވާ ގްރީން ފަންޑުން ޖުލައި މަހު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަކޮށްފައިވާއިރު، ޖޫން މަހު ވަނީ 37.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފަ އެވެ. އަދި އޭގެ ކުރީ ދެ މަސްދުވަހު ކޮންމެ މަހަކު 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާއިރު، ފެބްރުއަރީ މަހު 5.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި ޖެނުއަރީ މަހު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ތިން އަހަރު ކުރިން ތައާރަފް ކުރި ގްރީން ޓެކްސް ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނާއި ގެސްޓް ހައުސްތަކުންނެވެ. އެގޮތުން ދިވެހިންނާއި ރެޒިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓްހައުސްތަކަކުން ނަގަނީ ތިން ޑޮލަރެވެ.
މި ސަރުކާރުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީން "ގްރީން ފަންޑު"ގެ ނަމުގައި ޓްރަސްޓް ފަންޑެއް އުފައްދަން ނިންމާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބަލަހައްޓާ ފަންޑަށް މިހާތަނަށް ޖަމާކުރި ފައިސާގެ ތެރެއިން ހަރަދު ކެނޑުމަށް ފަހު 343.57 މިލިއަން ރުފިޔާ ބާކީ ހުރިކަމަށް ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!