ފަތިހު ތެދުވެގެން ސްވިމިންގ އަށް ގޮފައި އައިސް، ފެންވަރާ ހަދައިގެން ސްކޫލަށް ގޮސްފައި ގެއަށް އަންނަގޮތަށް، ކައި ފެންވަރާ ހަދައިގެން ޓިއުޝަނަށް ގޮސްފައި އައިސް، ގުރުއާން ކުލާހަށް ގޮސް ނިމިގެން ގެއަށް އައިސް ޓީވީ ބަލާފައި، ރޭގަނޑު ފިލާވަޅުތައް ހަދާފައި ނިދާ ކުއްޖެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟

މިއަދު އަޅުގަޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ މޮޅު ކުއްޖަކަށް ވުމަށްޓަކާ، ހޭބޯނާރާ "ބެކްޓުބެކް" ޓައިމްޓޭބަލްއެއްގައި އުޅެން ޖެހިފައިވާ ކުދިންނެވެ. މައިންބަފައިން ފަޚުރުވެރިވާފަދަ މޮޅު ކުދިންނަށް ވުމަށްޓަކައެވެ.

Ad
rt

ހުސްވަގުތާއި އަމިއްލަ ވަގުތު އަދި ސޯޝަލައިޒްވުމަށް ވަގުތު ލިބުމަކީ، ކުއްޖާގެ ތަރުބިއްޔަތަށް ކިތަންމެ މުހިންމު ކަމެއްކަމުގައި ވިޔަސް އެކަމަށް ވަގުތެއް ނޯވެއެވެ. އިޖުތިމާއީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ކުއްޖަކަށް ވުމަކީ ދަރަޖަކުރެވޭ އަދި ވަނަ ލިބޭ ކަމަކަށް ނުވާތީއެވެ.

ކުއްޖާގެ އިމޯޝަނަލް އިންޓެލިޖެންސް އާއި ސޯޝަލް އިންޓެލިޖެންސް ތަރައްގީ ކުރުމަކީ އެހާ ސާފުކޮށް ސްކޫލްތަކުގެ މުގައްރަރުގައި ހިމަނާ ރޭވިގެން ހަރަކާތްތަކެއް ހިންގާ ކަންކަމެއް ނޫނެވެ.

މިސްކިތަށް ދިއުމާއި، ޕާކަށް ނުވަތަ ބީޗަށް ދިޔުމައި، ކާފަމާމައާއި އާއިލާގެ މީހުންނަށް ޒިޔާރަތްކުރުމާއި، ދެބެންގެ ދެދަރިކުރިންނާއި ރަހުމަތްތެރިންނާއި އެކު ހޭދަކުރާނެ ވަގުތު ލިބުމަކީ، ކުދިންނަށް ލިބެންޖެހޭ ހައްގެކެވެ.

މައްސަލަ ހައްލުކުރުމާއި، މިހުންނާއި އެކުގައި ގުޅިގެން އުޅުމާއި، މީހުންގެ އިހުތިރާމް ހޯދުމާއި އިހުތިރާމްކުރުމާއި، މިނޫންވެސް ކާމިޔާބު މީހެއްގެ ކިބައިގައި ހުންނަންޖެހޭ މިފަދަ ސިފަަތައް ކުއްޖާއަށް ލިބެނީ މިދެންނެވި ކަންކަމުގެ ތެރެއިންނެވެ.

ކުއްޖާ ދަސްކުރާ ކޮންމެ ކަމަކީ، ކިލާހަކަށް ގޮސްގެން ނުވަތަ ކޯހެއްގައި ބައިވެރިވެގެން ނުވަތަ ކޭމްޕަކަށް ގޮސްގެން ދަސްކުރާ ކަންކަން ކަމުގައި ވެއްޖެނަމަ، އަޅުގަޑުމެންނަށް ބިނާކުރެވެނީ "އާޓިފިޝަލް" މީހެކެވެ. އެއީ އަޅުގަޑު ދެކޭ ގޮތެވެ.

ކުއްޖަކު ހެދިބޮޑު ވެގެން އަންނައިރު، އެކަނި އުޅޭނެ ވަގުތާއި އެކަނި ކުރާނެ ކަންތަކާއި އަމިއްލަ އިސްނެގުމުގެ ތެރެއިން ކުރާ ކަންތައްތަކާއި، އެހެންމީހުންނަށް ބަރޯސާނުވެ ކަންކަން ނިންމުގެ ފުރުސަތު އެކުއްޖަކަށް ލިބެންޖެހެއެވެ.

މިނިވަންކަމުގެ ހައްގު ކުޑަކުދިންނަށް ވެސް އޮންނަންވާނެއެވެ.