ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެވެ.
މި ބިލުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ހެޔޮ އަގެއްގައި، ހަރުދަނާކަމާއެކު އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ. އަދި އެ ޚިދުމަތްތަކަކީ އެފިޝަންޓް އަދި ތިމާވެއްޓާ ރައްޓެހި ޚިދުމަތްތަކެއްގެ ގޮތުގައި ބައްޓަންކުރުމާއި، ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމެވެ.
މީގެ އިތުރުން ވެސް އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ޢާންމު އުސޫލުތައް ކަނޑައަޅައި، ތަންފީޛުކުރުމާއި، މި ޤާނޫނާއި އަދި ކަމާގުޅޭ ޚާއްޞަ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަމުންދޭތޯ ބަލައި، ފިޔަވަޅު އަޅާނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ތަޞްދީޤުކޮށް، ގެޒެޓުގައި ޝާއިޢުކުރައްވާ ދުވަހުން ފެށިގެންނެވެ.
މި ބިލަކީ، މިދިޔަ ނޮވެންބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!