ށ. ފޭދޫ ކުރީގެ ސްކޫލްގެ އިމާރާތެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ.
މިއަދު ހެނދުނު 11 ޖަހާކަށްހާއިރު ހިނގި މިހާދިސާގައި ރޯވެފައިވަނީ އެރަށުގެ ބާ ސްކޫލްގެ ވަކިންހުރި ދެ ކްލާސްރޫމްގެ ތެރެއިން ކްލާސް ރޫމެއްގައެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޝާމިރު ''ތިލަދުން'' އަށް ވިދާޅުވީ އަލިފާން ރޯވި ޢިމާރާތް އެއްކޮން އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި މިހާރު އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަންގެ ސިފައިން އެސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ސާމިރުވިދާޅުވިއެވެ.
''އަލިފާން ނިންވުމަށް ރައްޔިތުން ވަރަށް މަސައްކަތްކުރި، ކައުންސިލްގައި އޮންނަ ޕަމްޕް ބޭނުން ކޮށްގެން ވެސް ފެން ޖެހިން، އެކަމަކު އިމާރާތް އެއްކޮށް އަނދާ ހުލިވެފައި ވަނީ، މިހާރު ކުޅުދުއްފުށީގައި ތިއްބަވާ ސިފައިންވެސް މިކޮޅުގައި ދަނީ ހަރަކާތްތެރިވަމުން''
ސާމިރު ވިދާޅުވިއެވެ.
އަލިފާން ރޯވި އިމާރާތް ބިމާ ހަމަވެފައި، ފޮޓޯ: ސާމިރު
އަލިފާން ރޯވި ކްލާސްރޫމަކީ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ އިމާރާތެއް ކަމަށެވެ. އަދި އެތަނުގައި ހުރީ ބާ ޑެސްކުތައް ފަދަ ތަކެތި ކަމަށް މައުލޫމާތު ލިބެއެވެ.
އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އިމާރާތުގައި ރޯވެ އަނދަނީ، ފޮޓޯ: އާންމު ރައްޔިތެއް
މި އަލިފާނުގެ ހާދިސާއަކީ މިއަދު އުތުރުގައި ހިނގި 2 ވަނަ އަލިފާނުގެ ހާދިސާއެވެ. މިގޮތުން ރާއްޖޭގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގެ އިންޖީނުގޭގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.
އެ ހާދިސާއާއި ގުޅިގެން ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށި ފަޔާ ސްޓޭޝަނުން ވަނީ މަސައްކަތްކޮށް، އެ އަލިފާން ކޮންޓްރޯލު ކޮށްފައެވެ. އަދި އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ ޖަނަނޭޓަރަށާއި، ޕެނަލް ބޯޑަށާއި އަދި ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަށް ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!