މިލަދުންމަޑުލު ބަރަވެލިފުށީ ތުއްތު ސީދީގޭ ބަނބުކެޔޮ ގަސްދޮށުގައި ތިބެ މިއަދު ވެސް އަންހެންވެރިން ދައްކަމުން އެ ދަނީ އެއްކަލަ ދޮން ހުސޭނުގެ ވާހަކައެވެ. މި މީހުންގެ ވާހަކަ އަޑުއަހައިލީމާ، މި ދޮން ހުސޭނަކަށް ހިތް ނުކިޔާ މާމައެއް މަންމައެއް ބޮޑު ދައިތައެއް ދައްތައެއް ވެސް އެ ރަށުގައި އުޅޭނެހެނެއް ހިޔެއް ނުވެއެވެ.
ދޮން ހުސޭނާ ހެދި މޮޔަވެފައި ތިބީ ހަމައެކަނި އެ ރަށުގެ ފުރާވަރުގެ އަންހެން ކުދިންނެއް ނޫނެވެ. އެކަމަކު މީގެ އެއްވެސް ލިސާނެއް ނެތް އެކަކު ގައިމު ވެސް އެބަ އުޅެއެވެ. އެއީ ތުއްތު ސީދީގެ ޒަމްހަރީރާއެވެ. ޒަމްހަރީރާއަކަށް އަދި މި ދޮން ހުސޭނެއް ނުފެނެވެ. އިވެނީ ދޮން ހުސޭނޭ ކިޔައިގެން މި އަންހެންވެރިން ދައްކާ ރަނބަ ވާހަކަތަކެވެ.
ޒަމްހަރީރާގެ ބައްޕަ ތުއްތު ސީދީއަކީ އެ ރަށުގެ ކަމުވޮށިވެގެންވާ ބޭކަލެކެވެ. އުޅުއްވަނީ އަބުއި ދިރިއުޅުއްވުމެކެވެ. އަނބިދަރިންގެ ކިބައިގައި ވެސް ވަނީ މި އާދަ ހަރުލައިފައެވެ. އެހެންކަމުން، މިއީ ރަށު ތެރޭގައި މާ ހަވާސާވެގެން އުޅޭ ބަޔެއް ނޫނެވެ. ވީމާ، ރަށުގެ މީހުންގެ ލޯތްބާއި ގަދަރު ވެސް މި ޢާއިލާއަށް ވަނީ ލިބިފައެވެ. ޒަމްހަރީރާއަކީ ތުއްތު ސީދީގެ އެންމެ ދޮށީ ދަރިފުޅެވެ. އޭގެ ހަގަށް ހުންނަނީ ދިހަވަރަކަށް އަހަރަށް ދާ ފިރިހެން ކުއްޖެކެވެ.
ޒަމްހަރީރާ ވަނީ މިހާރު ފިރިފުރާވަރަށް އަރާފައެވެ. އެއީ، ކުއްޖާގެ ރީތިކަމަށް އެ އަތޮޅުގައި ވެސް މަޝްހޫރު ކުއްޖެކެވެ. އެހެންނަމަވެސް، ތުއްތު ސީދީމެނަށް މީހުން ކުރާ ގަދަރާއި އިޙްތިރާމެއްގެ ސަބަބުން އެ ކަމަށް އިސް ނަގަން ކޮންމެ ކޮންމެ މީހަކަށް ފަސްޖެހެވެނީއެވެ. އެ ވާހަކަ ދައްކަން ނުކެރެނީއެވެ. ޒަމްހަރީރާ މާލޭން ތަޢުލީމު ޙާޞިލްކޮށްގެން ރަށަށް އައިސް ގަސްދުކުރީ ރަށު މަކުތަބަށް ކިޔަވައިދޭން ދާށެވެ. އެއީ، އޭނާގެ ބައްޕަ ތުއްތު ސީދީ ވެސް ބޭނުންވެލައްވާ ގޮތެވެ.
އެއް ދުވަހަކު މަކުތަބު ނިންމާފައި، އެހެންޏާ ވެސް ގެއަށް ދާ މަގުން، ގެއާ ދިމާއަށް ޒަމްހަރީރާ ހިނގައިގެންފިއެވެ. ހިނގަމުން ގޮސް މަކުތަބު ހުންނަ މަގު ފަސްދީ ކުރިއަށް ގޮސް، ގެ ހުންނަ މަގަށް އަޅައިލިތަނާ މަގުގެ ވަކި ހިސާބެއްގައި ފިރިހެން ބޮޑު ބައިގަނޑެއް ގެއެއްގެ ފާރުބުރިމަތީގައި ބަރިއަކަށް އެތުރިލައިގެން ތިބި ތަން ފެނިއްޖެއެވެ. އެ މަގުން ކުރިއަށް ނުގޮސް އަޅާނެ އިތުރު މަގެއް، ގޯޅިއެއް ވެސް ނެތެވެ. އޮތީ ކުރިއަށް ދިޔުމެވެ. މެންދުރުގެ ގަދަ ހޫނުގައި ވެސް މީހާ ފިނިވާން ފަށައިފިއެވެ. ދެފައި އޮޅޭހެން ވެސް ހީވެއެވެ.
އެ ބައިގަނޑާ އަރައި ހަމަވިތަނާ އެ މީހުން ތުނބުން ވެސް ފުމެއް ފަށައިފިއެވެ. މިއީ، މި ރަށުގެ ކުދިންގެ ފުށުން ދުވަހަކު ވެސް ކުރިމަތިވި ކަމެއް ނޫނެވެ. އެހެންވީމާ، ކިތަންމެ ހާސްވެ ހުރެ ނަމަވެސް، ނޫން ގޮތަކަށް އެ ތާ ތިބީ ކޮން ބަޔެއްތޯ ބަލައިލައިފިއެވެ. ދަންނަ މީހަކު ނެތެވެ. އެކަމަކު އެހެރީ ހާދަ ރީތި ޒުވާނެކޭ ހިތަށް އަރައިފިއެވެ. ހެދިހުރި އިސްކޮޅަށް ރޫފައެޅޭ ހަށިގަނޑެކެވެ. ލާނެތް ފާޑަކަށް ހީނލާފައި އިން އިރު، އެ ހީނލުުމުގައި ވެސް ދަމާ ދަގަތްފާނީ ބާރެއް ވާކަމުގެ އިހުސާސެއް ޒަމްހަރީރާއަށް ކުރުވިއެވެ.
މި މީހުންގެ ފޮށުމުން ސަލާމަތްވާނެ ގޮތެއް ނޭނގި ކުރިއަށް ދަނިކޮށް ލައިގަތީ ބޮޑު ދައިތަގެ ހަސީނާގެ ގައިގައެވެ. މިއީ، ޒަމްހަރީރާއާ އެއް ފުރައިގެ ކުއްޖެކެވެ. ދޮން ހުސޭނުގެ ރީތިކަމުގެ އަވާގައި ފިސައިރި ރަނގަޅަށް ވެސް ޖެހިފައިވާ މަންޖެއެކެެވެ. ހަސީނާއަށް ވެސް މި ބައިގަނޑު ފެނިއްޖެއެވެ. އަދި އެ މީހުން ތުނބުން ފުމޭ އަޑު ވެސް އިވެމުން ދެއެވެ. ހަސީނާ ބުންޏެވެ. އެ ތާ އެ ތިބީ ދޮން ހުސޭނާއި އޭނާއާ އެކު އައި އެ ރަށުގެ ކުދިންނެވެ. ޒަމްހަރީރާ ބުނެފިއެވެ. އެހެން ހެއްޔެވެ؟ އެ ދޮން ހުސޭނަކީ އެއީ ދޯއެވެ؟ އަދި ބުންޏެވެ. ނޫނޭވާ އެ ސޮރު ރީއްޗެވެ. ފިކުރާވާ ކަހަލަ ގޮތެއް އެބަ ހުއްޓެވެ. މިހެން ބުނުމާއެކު ދެ މީހުން އެއްފަހަރާ ހީނގަތެވެ.
ހަސީނާއާއި ޒަމްހަރީރާއާ ދެ ކުދިން ގެއާ ދިމާއަށް ދިޔަ އިރު ވެސް ދައްކަމުން ދިޔައީ ދޮން ހުސޭނުގެ ވާހަކައެވެ. އެ ދޮން ހުސޭނަކު މި ރަށަށް އެހައިވަރަކަށް އެ އަންނަނީ ކީއްވެ ތޯ ޒަމްހަރީރާ ސުވާލުކުރިއެވެ. ހަސީނާ ބުންޏެވެ. އެ މީހުން އެ ތިބި ގޭ ޙަކީމްބޭ ކައިވެނިކޮށްގެން އުޅެނީ ދޮން ހުސޭނުގެ ބޮޑު ދައިތައަކާއެވެ. އެހެންވީމާ، ބޮޑު ދައިތަ ގާތަށް އަންނަ އައުމެއް ތޯއްޗެކެވެ. ނޫނީ... ހަސީނާ ގާތަށް އައި ހިނިން އިތުރަށް ވާހަކަ ކުރިއަކަށް ވެސް ނުދިޔައެވެ. "ހޫނ! މަށަށް އެނގެޔޭ ތިޔަ ބުނަން އުޅޭ އެއްޗެއް. މަގޭ ބޮލަށް ކޮންމެ ހެން ކަނޑައިލަން އުޅޭނެ ކަމެއް ނެތް! ގެއަށް ދޭ! އަހަރެން ވެސް ދެން މި ދަނީ ގެއަށް!" މިހެން ބުނެ ހެމުން ޒަމްހަރީރާ ގެއަށް ވަދެފިއެވެ.
ދޮން ހުސޭނަކީ މާޅޮސްމަޑުލު ހޮނޑާފުށީ ހެލްތުވޯކަރެވެ. މަސައްކަތުން އަވަދިވާ ދުވަސް ދުވަހު ބަރަވެލިފުއްޓަށް އަންނަނީ މި ރަށުގައި އޭނާގެ ބޮޑު ދައިތައެއް އިންނާތީއެވެ. ފުރަތަމަ އައީ، ބޮޑު ދައިތައާ ބައްދަލުކުރަން ނަމަވެސް ފަހުން އެ ރަށަށް އަންނަން ފެށީ މުޅިއަކުން އެހެންވެއެއް ނޫނެވެ. އޭނާ ވެސް ވަނީ ޒަމްހަރީރާގެ ވާހަކަ އަޑުއަހާފައެވެ. އަދި ޒަމްހަރީރާ ދެކެލުުމުގެ ޝައުޤު ވެސް ހިތުގައި އުފެދިފައެވެ. މީގެކުރިން ވެސް ދެ ފަހަރަކު މި ރަށަށް އައި ނަމަވެސް މިއަދު ނޫނީ އަދި ޒަމްހަރީރާ ފެނުމުގެ ނަސީބެއް ދޮން ހުސޭނަކަށް ނުލިބެއެެވެ. ފެނުމާ އެކު ދޮން ހުސޭނު ވެސް ޒަމްހަރީރާއަށް ހިތްކިޔައިފިއެވެ.
ޞިއްޙީ ކަންކަމުގައި މި ދެ އަތޮޅުގެ ރަށްތަކަށް ދަތުރުކޮށް އެ ރަށްރަށުގެ މީހުންނަށް ޞިއްޙީ ޚިދުމަތް ދޭން ދޮން ހުސޭނަށް ޖެހެއެވެ. ޒަމްހަރީރާ ފެނުނު ފަހުން، މިހެން ކުރާ ޞިއްޙީ ދަތުރުތަކުގައި ރަށްރަށަށް ގޮސް ދޮން ހުސޭނު ފޮނި ބައިސާ ކަނޑަން ފަށައިފިއެވެ. އޭނާއާއި ޒަމްހަރީރާއާ ދެ މީހުން އުޅެނީ ފިކުރާވެގެން ކަމަށް ބުނެ މީހުންގެ ގާތުގައި ބުޚުތާން ވާހަކަދައްކަން ފަށައިފިއެވެ. ހިކި ފަންތަކެއްގައި ރޯކޮށްލި އަލިފާންގަނޑެއް އަނދައި ފެތުރިގެން ދާނެހާ ހަލުވި މިނުގައި މި ވާހަކަ އަތޮޅުތެރޭގައި ފެތުރެން ފަށައިފިއެވެ. އިސާހިތަކު ބަރަވެލިފުށީގެ މީހުންގެ ކަންފަތަށް ވެސް މި ވާހަކައެއް ފޯރައްޖެއެވެ.
އެ މީހުންގެ ރަށުގެ އެހައި ގަދަރުކުރާ މީހެއްގެ ހުރި، އެ މީހުން އެހައި ލޯބިވާ ކުއްޖަކާ ބެހޭ ގޮތުން މިފަދަ ދޮގު ވާހަކައެއް ދައްކަމުން ދާތީ ދޮން ހުސޭނު ދެކެ މި މީހުން އައީކީ އަމަކަށު ރުޅިއެއް ނޫނެވެ. ޚާއްޞަކޮށް ޒަމްހަރީރާގެ މާމައާއި ބޮޑުދައިތަމެން ތިބީ، އެ މީހުންގެ ގައިގައި ރޯ ފަންވަތެއް ޖައްްސައިލިޔަސް ރޯވާ ހައި ރުޅި ގަދަވެފައެވެ. އެކަމަކު މިއީ އެ ދޮން ހުސޭނެއްގެ ރީތިކަމުގެ ވާހަކަ އެންމެ ފޯރީގައި ދައްކަމުން ދިޔަ މީހުންނެވެ.
މިހެން ތިއްބައި އެއްކަލަ ދޮން ހުސޭނު އަނެއްކާ މި ރަށަށް އަންނަ ޚަބަރު ލިބިއްޖެއެވެ. މި ވަގުތު ދިމާވީ ތުއްތު ސީދީގެ ދެމަފިރިން ވެސް އެ މީހުންގެ ހަގު ސޮރު ބަލިވެ ޑޮކްޓަރަށް ދައްކަން މާލެ ގޮސްލައި ވީ ވަގުތާއެވެ.
ޚަބަރުލިބުމާ އެކު ރުޅި އައިސް ކުޅަނދުރުތަކެއް ހެން ތިބި އަންހެނުންތައް ރަށުގެ މަތި ފަރާތު އަތިރިއާ ދިމާއަށް ދުއްވައިގަތީ ތިޔަހެންނެއް ނޫނެވެ. ދޮން ހުސޭނު އިން އޮޑި ގޮނޑުދޮށަށް ކައިރިކުރަން ވާއިރަށް އެއް ބަޔަކު ތިބީ، އަނދެގެން ތިބި ކަނޑިކި ކޮށިކޮށް މޫދަށް ވެސް އެރިއެވެ. އެ މީހުންގެ އަޑު ފޯރާފަށަށް ގޮނޑުދޮށަށް އޮޑި ކައިރިކުރާ އިރަށް، އެއްވެ ތިބި އަންހެނުންތައް އަތްޖަހައި ހޯގޮވައި ދޮން ހުސޭނު ރޭރުކޮށް ރަށަށް ވެސް ފޭބިޔަ ނުދީ އައި ކޮޅަށް އެ އޮޑި ފުރުވާލައިފިއެވެ. ދޮން ހުސޭނަށް ދެން ހޭ ހުއްޓައި މި ރަށާ ދިމާއަށް ބަލައިލަން ވެސް ކެރޭނެ ހެނެއް ހިޔެއް ނުވެއެވެ. އެވަރު ކޮށްލައިފިއެވެ.
ޒަމްހަރީރާ މަކުތަބުގައި ކިޔަވައިދޭން ހުއްޓައި މި ކަން އެނގިގެން ދުވަމުންދުވަމުން އަތިރިއަށް އާދެވުނު އިރު، ދޮން ހުސޭނާ އެކު ދޯނި، ނެރުން ނުކުމެގެން އެެހެރަ ދަނީއެވެ. އަންހެނުންތައް ލިބުނު "ފަޠަޙަ" އަށް އުފާފާޅުކުރަމުން ހެމުން އެއްގަމަށް އަރަނީއެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!