ރައީސް އިބްރާޙީމް މުޙައްމަދުގެ ޞާލިޙްގެ ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ދިވެހިރައްޔިތުންނަކީ ދީނަށް ލޯބިކުރާ، އަދި ވަކިން ޚާއްޞަކޮށް ޤުރްއާނަށް ލޯބިކުރާ އަދި ރިވެތިކޮށް ޤުރްއާން ކިޔަވާ ބަޔަކަށް ހެދުން ކަމަށާއި އަދި އެއީ ވަރަށް މަތީ މަޤްޞަދެއް ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވީ ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނަކީ ކީރިތި ޤުރުއާނަށް ލޯބިކުރާ، ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކޮށް، އެކަކު އަނެކާއަށް ހެޔޮކޮށް ހިތައި އަދި ހެޔޮގޮތް ޤަބޫލުކުރާ ބަޔަކަށް ވުމަށް ދިވެހި ރައްޔިތުންނަށް ގޮވައިލެއްވި އެވެ
''އާދެ، ޤުރްއާން މުބާރާތެއް މިއަދު ފެށިގެންދާއިރު، ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވާ އެންމެހައި ބޭފުޅުން، ދަރިވަރުން، ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންވީ ކަމަކީ، ޤުރްއާން ކިޔަވައި، ޤުރްއާނުގައި ބަޔާންކޮށްފައިވާގޮތަށް އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއް ބެހެއްޓުން. އާދެ، އަޅުގަނޑުމެންނަކީ ސައްތައިންސައްތަ މުސްލިމުން. މުސްލިމް ޤައުމެއްގައި އަޅުގަނޑުމެން އެންމެން ދިރިއުޅެމުންދާއިރު، އަބަދުވެސް އަޅުގަނޑުމެން ހެޔޮގޮތްތައް އިސްކުރަން އެބަޖެހޭ. އަޅުގަނޑުމެން އެކަކު އަނެކަކަށް ހެޔޮކޮށްހިތައި، އޯގާތެރިވާ ބަޔަކަށް އަޅުގަނޑުމެންވާން އެބަޖެހޭ. އަޅުގަނޑު ގަބޫލުކުރަނީ، އަޅުގަނޑުމެންނަށް އިސްލާމްދީން ގެނެސްދިން އެންމެ ބޮޑު ހަދިޔާއެއް ނުވަތަ އެންމެ ބޮޑު ނަސޭހަތެއްގެ ގޮތުގައިވެސް މިވަނީ އޯގާތެރިކަން އިސްކުރުމަށާއި، މީހުންނަށް ހެޔޮކޮށްހިތައި، އަޅުގަނޑުމެންގެ އުޅުމުގައި ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ބެހެއްޓުން.''
ނައިބު ރައީސް ފައިޞަލް ވިދާޅުވިއެވެ.
''އެހެންވީމާ، މިއަދުގެ ހުރިހާ ދަރީންނަށް، ޚާއްޞަކޮށް ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ދިވެހި ޤައުމުގެ ތަރައްޤީ، ކުރިއެރުން އޮތީ މިއަދުގެ ޅަފަތުގެ ޖީލުގެ އަތްމަތީގައި. އާދެ، މާދަމާ ޤައުމާ ހަވާލުވާނެ ބަޔަކަށް ތިބީ މިއަދުގެ ކުޑަކުދީން. އެހެންވީމާ، ޚާއްޞަގޮތެއްގައި މިފަދަ ކަންތައްތަކަށް އިތުރު ސަމާލުކަމެއް ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން.''
ނައިބު ރައީސް ފައިޞަލް އިތުރަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މި މުބާރާތް ވަރޗުއަލްކޮށް އިންތިޒާމުވެގެން ދިޔުމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމެއްކަމަށާއި، ކޯވިޑް-19 ގެ ދަތި އަނދަގޫ ޙާލަތުގައި ވެސް މިފަދަ މުބާރާތެއް ރާވާ ހިންގުމަށް ކުރައްވަމުންދާ މަސައްކަތަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި މުބާރާތަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިންތިޒާމުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރިވެވޭނެ ގޮތަށް ވަރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ މިނިސްޓްރީއިން ވަނީ ހުޅުވައިލައްވާފައެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އޮޑިޝަންގެ ބުރާއި ފައިނަލް ބުރެވެ. އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމާއި ރެކޯޑިންގް ހުށަހެޅުމުގެ މުއްދަތަކީ 2020 ނޮވެންބަރު 16 އިން ފެށިގެން ނޮވެމްބަރު 28 ގެ ނިޔަލަށެވެ. އޮޑިޝަންގެ ބުރުން ހޮވައިލެވޭ ފަރާތްތަކުން ފައިނަލް ބުރުގެ ރެކޯޑިންގްތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2020 ޑިސެންބަރު 13 އިން ފެށިގެން ޑިސެންބަރު 17 ގެ ނިޔަލަށެވެ.
މިއަދުފެށި ވަރޗުއަލްކޮށް ބާއްވާ ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!