މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ދަށުން ހިނގަމުންދާ "މެރީން ރިސަރޗް ސެންޓަރ" ގެ ނަން، "މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓް" މި ނަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 29 އޮގަސްޓް 2019 ވަނަ ދުވަހު ބަދަލުކުރައްވައި އެ ތަނުގެ މަސައްކަތްތަކަށް ބައެއް ބަދަލު ގެންނަވައިފިއެވެ.
މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތައް ބެހިފައިވާ ގޮތަކީ ކަނޑުގެ މާޙައުލާއި، އެ މާޙައުލުގައި އުޅޭ ދިރުންތަކާ ގުޅޭ ސައިންޓިފިކް މަޢުލޫމާތު އެއްކުރުމަށްޓަކައި، ކަނޑުތަކާ ގުޅުންހުރި ދިރާސާތައް ކުރުމާއި ރާއްޖޭގެ ކަނޑުގެ މާޙައުލުގައި އުޅޭ ދިރުންހުރި ތަކެތީގެ މަޢުލޫމާތު އެއްކުރުމާއި، ކަނޑުގެ ދިރުންތަކުގެ ސްޕެސިމަން އެއްކޮށް ބެލެހެއްޓުމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ މާޙައުލުން މަދުވަމުންދާ ބާވަތްތަކާއި، ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ ބާވަތްތަކާއި، ކަނޑުގެ މާޙައުލުގެ ދުޅަހެޔޮކަމަށް މުހިންމު ބާވަތްތައް ދެނެގަނެ، އެ ބާވަތްތައް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ މަޢުލޫމާތާއި ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.
ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ކުރާ ކަނޑުގެ މާޙައުލާ ގުޅޭ ދިރާސާތަކުން އެއްކުރާ މަޢުލޫމާތާއި ޑޭޓާތައް ޖަމާކޮށް، އެ ތަކެތި ބެލެހެއްޓުން މޯލްޑިވްސް މެރީން ރިސަރޗް އިންސްޓިޓިއުޓުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ނެރެފައިވާ ދެންނެވުމުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!