ހއ.ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރަމުންދާ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ހޯރަފުށީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އަންނަ މިމަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

Ad
rt

އަމަލީ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާއިރު ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އިޖުތިމާއި ނަމޫނާއެއް ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު "ތިލަދުން" އަށް މަޢުލޫމާތުދެމުން ވިދާޅުވި އެވެ.

ވަޙީދު ވިދާޅުވީ އެމްޓީސީސީއިން މިމަސައްކަތް ނިންމުމަށް ވަރަށް ބުރަކޮން މަސައްކަތް ކުރަމުން އަންނައިރު ރައްޔިތުންގެ ފަރާތުންވެސް ދައްކަމުންދަނީ މިއީ އުފާވެރި މަންޒަރު ތަކެއްކަމަށެވެ. އެގޮތުން އެއަރޕޯޓް ހަދާ ސަރަހައްދު ސާފުކުރުމާއި މަސައްކަތް ކުރާ މީހުންނަށް ސައި ތައްޔާރުކުރުމަށް އެރަށު ކަނބަލުންގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަ ކުރިއެވެ.

މީގެ އިތުރުން އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތައް ރަށުތެރެ ޒީނަތްތެރި ކުރުމުގައި ރައްޔިތުން ހިއްސާ ބޮޑުކަން ފާހަގަ ކުރިއެވެ. މިއީ ވަރަށް އުފާވެރި މަންޒަރެއްކަމަށާއި މިއީ ރައްޔިތުންގެ އެއަރޕޯޓެއްކަން ރައްޔިތުން ސާބިތުކޮށްދެމުން އަންނަކަމަށް ވަޙީދު ވިދާޅުވި އެވެ.

ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށްދާގޮތް ކައިރިން ބެއްލެވުމަށް އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް މިހާރުވެސް ހުންނެވީ އެރަށުގައިކަން ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީއިން މަސައްކަތުގެ ސްޕީޑްއާއި ގުޅޭގޮތުން ބުނީ، މި މަޝްރޫޢުގެ ދަށުން ރަންވޭ އެޅުމުގެ މަސައްކަތުގެ 99 ޕަސެންޓްއާއި، ޓަރމިނަލް ބިލްޑިންގ އެޅުމުގެ 75 ޕަސެންޓް މަސައްކަތާއި، ފަޔަރ ބިލްޑިންގ އެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ. އެކުންފުނީގެ އަމާޒަކީ 08 ނޮވެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ ކުރިން މަސައްކަތް ނިންމާލުން ކަމަށެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 37،425 އަކަ މީޓަރުގެ ރަންވޭއެއް އެޅުމާއި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅުމާއި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އެއާޕޯޓު ސަރަހައްދުގެ އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.

ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ. އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.