ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ.

އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ.

Ad
rt

މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ވަނީ އެރަށުން ބިމަށް އެދުނު ގޭބިސީތަކުގެ މެދުގައި ނެގުނު ގުރުއަތަކުން ހޮވުނު 6 ގޭ ބިސީއަކަށް އުތީމު ކައުންސިލުން ގަސްކާނާ ހަދިޔާ ކޮށްފައި އެވެ. މިގޮތުން ގުރުއަތުން ހޮވުނު ކޮންމެ ގޭ ބިސީއަކަށް އުތީމު ކައުންސިލުން ވަނީ 20 ކިލޯގެ ގަސްކާނާ ބަސްތާއެއް ހަދިޔާ ކޮށްފައި އެވެ.

އުތީމުން ދަނޑުބިން ދޫކޮށް، އެ ބިންތައް ދޫކުރި ފަރާތްތަކަށް ވަގުތީ ލިޔުން ހަވާލުކުރުމާއި ގުޅިގެން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ އެ ބިންތަކަކީ ކޯވިޑާއި ގުޅިގެން ދޭން ނިންމައި، ދޫކުރުމަށް ޢިއުލާން ކުރެވުނު ބިންތަކެއް ކަމަށެވެ.

''ފުރަތަމަ އަޅުގަނޑުމެން ބިން ދޫކުރަން ނިންމުމުން އެކަން މަޑުޖައްސާލަން ޖެހުނީ އަޅުގަނޑުމެންގެ ކައުންސިލްގެ ދައުރު ނިމުމަކަށް އައިސްފައި އޮތީމައި، ފަހުން އެލްޖީއޭއިން ހުއްދަ ދެއްވީމައި ބިންތައް ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދިޔައީ''

ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.

ޢަބުދުﷲ ރަޝީދު ވިދާޅުވީ އެލްޖީއޭއިން އެރަށުން ބިމަށް އެދުނު އެންމެނަށް ބިން ދޫކުރުމަށް ހުއްދަ ދެއްވި ކަމަށާއި، ނަމަވެސް ދެ ގޭބިސީއަކުން ފަހުން ބިން ދޫކޮށްލީ ކަމަށެވެ.

އުތީމުން ދަނޑުވެރި ކަމަށް ދޫކޮށްފައި ވަނީ ބޮޑު މިނުގައި ބިމެއްގައި 2000 އަކަފޫޓު ހުރި 44 ބިމެވެ.