އާދީއްތަ ވިލޭރޭ އައި ގަދަ ކޮޅިގަނޑެއްގައި ށ. ނަރުދޫގައި ހުރި ޒަމާންވީ، ބޮޑު ނިކަގަސް ވެއްޓުމަކީ ވެށި ދެކެ ލޯބިވާ މީހުންނަށް ފުން ހިތާމައެއް ގެނުވި ކަމެއްކަން ގައިމެވެ.
މިދިޔަ އާދީއްތަ ވިލޭރޭ މެންދަމު އެކަކުން ފަތިހު ފަހަކާއި ދެމެދު ނަރުދޫއަށް ޖެހުނު ގަދަވައިގައި ވަނީ އެ ނިކަ ގަހުގެ އިތުރުން އެތައް އަނބުގަހަކާއި، ޖާފާނު ރުއްތަކާއި، ބިލެތް އުނި ތަކާއި އަދި މިނޫން ވެސް އެކި ކަހަލަ ގަސްތައް މުލުން ލުހި ބިމާއި ހަމަވެފައެވެ.
ނަރުދޫގެ ކުރީގެ ބޮޑު ކަތީބު ޙުސައިން އާދަމްފުޅު ލަފާ ކުރަށްވާ ގޮތުން އެރަށުގެ ބޮޑު ނިކަ ގަހުގެ އުމުރުން މިހާރު 50 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. އީޕީއޭއިން ހިމާޔަތްކޮށްފައިވާ އެ ނިކަ ގަހަކީ މީގެ 15 ވަރަކަށް އަހަރުކުރިން ވެސް ބޮޑު ކަތީބުގެ ކަތީބުކަމުގެ ދުވަސްވަރުގައި އޭރުގެ ރައްކުރިއަރުވާ ކޮމެޓީއާއި، ރަށު އޮފީހާއި ގުޅިގެން ހިމާޔަތް ކުރެވިފައިވާ ގަހެކެވެ.

" އެދުވަސް ވަރު އެ ގަސް ހިމާޔަތް ކުރަން ޖެހުނު ސަބަބަކީ، މިރަށަކީ ވަރަށް ގިނައިން އޭރު ނިކަ ގަސްތައް ހެދިފައި ހުންނަ ރަށެއް، އެ ދުވަސްވަރު އުވަ ދެވުމުގެ ބޭނުމުގައި ވަރަށް ގިނަ ނިކަ ގަސްތައް ވެސް ކަނޑަމުން ދިޔައީ، އެހެން ކަމުން ރަށުން ނިކަގަސް ހުސްވެދާނެތީ ރކ. ކޮމެޓީއިން ނިންމީ އެ ގަސް ހިމާޔަތް ކުރަން"
ނަރުދޫގެ ކުރީގެ ބޮޑު ކަތީބު ޙުސައިން އާދަމްފުޅު ވިދާޅުވިއެވެ.
އެ ދުވަސްވަރު އެ ގަސް ހުންނަ ސަރަހައްދަކީ އެރަށުން މީހުން ދިރިއުޅެން ގޯތި ދޫކޮށްފައިވާ ސަރަހައްދެއް ނޫނެވެ. މީހުން އާބާދު ވަމުންގޮސް މިހާރު އެގަހާއި ފަންސާހަކަށް ފޫޓު ކައިރީގައިވެސް މީހުން ދިރިއުޅޭ ގެތައް ހުރެއެވެ.

ނަރުދޫގެ މަލަމަތިން ބޮޑު ނިކަގަސް ގެއްލިގެން ދިއުމަކީ ލިބުނު ހިތާމައެއްގެ އިތުރުން އުނި ކަމެކެވެ. އެގަހަކީ ނަރުދޫގެ މަލަމައްޗަށް ފުރިހަމަކަން ގެނެސްދިން ގަހެކެވެ. އަދި އެ ގަހަކީ އެ ސަރަހައްދުގެ މީހުން ފަރުމަހުގެ މަސްވެރިކަން ކުރުމަށްޓަކައި، މަސް ބާނަން މަޑު ކުރާ ހިސާބުތައް ދެނެގަންނަން ބޭނުން ކުރަމުން އައި ގަހެއްވެސް މެއެވެ. މިގޮތުން ރަނގަޅަށް ފަރުމަހުގެ މަސްވެރިކަންވާ ޕޮއިންޓްތައް ދެނެ ގަންނަނަށް މީހުން އައީ އެ ގަހުގެ ބޭނުން ކުރަމުންނެވެ.

އަތޮޅުތަކުގައި ފަރުމަހުގެ މަސްވެރިކަން ކުރާ މީހުން މަސްވެރިކަމުގެ ޕޮއިންޓްތައް ފާހަގަކުރުމަށް ރަށްރަށުގެ މަލަމަތިން ފެންނަ މިފަދަ ގަސްތައް ބޭނުން ކުރަނީ އެ ޕޮއިންޓަކަށް ދެވިއްޖެކަން ކަށަވަރު ކުރުމަށެވެ. މިގޮތަށް ކަށަވަރު ކުރުމަށް އެމީހުން ބަލާ ކަންކަން ހުރެއެވެ.

މިދިޔަ އާދީއްތަ ވިލޭރޭ ނަރުދޫއަށް އައި ކޮޅިގަނޑުގައި އެރަށުގައި ދެން ހުރި ދެވަނައަށް އެންމެ ބޮޑު ނިކަގަސް ވެސް ވަނީ ވެއްޓި ބިމާއި ހަމަވެފައިއެވެ. ނަރުދޫން ގެއްލި މިދިޔަ ގަސްތަކުގެ ސަބަބުން ވެށި ދެކެ ލޯބިވާ ކޮންމެ މީހަކަށްމެ މީ ފުން ހިތާމައެއް ގެނުވާނެ ކަމެކެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ގަދަވައިޖެހި، އެތައް ރަށެއްގެ އެތައް ގަސްގަހާ ގެއްސަކަށް ގެއްލުން ވަމުންދާ ދުވަސް ވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!