ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު ސްޕެއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުނު މެޗުން ޔުކްރެއިންއާއި ބައްދަލުކޮށް ސްޕެއިން މެޗު ކާމިޔާބު ކޮށްފައިވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ވަނީ މޮޅަށް ކުޅެފައެވެ. ފުރަތަމަ ހާފުގައި ސްޕެއިނުން ތިން ލަނޑު ކާމިޔާބު ކޮށްފައިވާއިރު ފުރަތަމަ ލަނޑު މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި ސްޕެއިނުން ހަމަޖެހިލިއިރު، އެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައިވަނީ ރާމޯސްއެވެ. ސްޕެއިނުން މެޗުގައި ޖެހި ތިންވަނަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ސްޕެއިންގެ 17 އަހަރުގެ އުންމީދީ ފޯވާޑް ކުޅުންތެރިޔާ ފާޓީއެވެ. މި ލަނޑާއެކު ފާޓީ ވަނީ ސްޕެއިނަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ.
ޔުކްރެއިންގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިފައި ނުވާ މި މެޗުގައި އެ ޓީމުކޮޅަށް ސްޕެއިނުން ކާމިޔާބު ކުރި ހަތަރުވަނަ ލަނޑު 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޓޮރޭސްއެވެ.
ރޭ މި މުބާރާތުގައި ސްވިޒަލެންޑް އާއި ޖަރުމަން ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަތިއަސް ގިންޓާގެ އެހީއާއެކު ގުންޑޮގާންއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ޖަރުމަނު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައި އެ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ސްވިޒަލެންޑަށް ކާމިޔާބުކޮށްދީފައިވަނީ ސިލްވަން ވިޑްމާއެވެ.
މި ނަތީޖާތަކާއެކު ލީގު އޭ ގްރޫޕް ހަތަރެއްގެ އެއްވަނައިގައި އޮތީ ސްޕެއިނެވެ. ސްޕެއިނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ޖަރުމަނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާ
- އެންޑޯރާ 0 – 1 ފަރޯ އައިލެންޑްސް
- މާލްޓާ 1 – 1 ލެޓްވިއާ
- ހަންގޭރީ 2 – 3 ރަޝިޔާ
- ސާބިއާ 0 – 0 ތުރުކީ
- ވޭލްސް 1 – ބަލްގޭރިއާ
- ރިޕަބްލިކް އޮފް އަޔާރލެނޑް 0 – 1 ފިންލެންޑް
މި މުބާރާތުގެ ގިނަ މެޗުތަކެއް މިރޭވެސް ކުޅުމަށް ހަމަޖެހހިފައިވާ އިރު އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ނެދަލެނޑްސް އާއި އިޓަލީ ބައްދަލުކުރާމެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 23:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!