ރަށްރަށުގެ މިލްކިއްޔާތަކީ ރަށު ރައްޔިތުންގެ އެއްޗެއް ކަމަށާއި ރަށްރަށުގެ ބިމުން ލިބޭ ކުލި ރަށްރަށަށް ލިބެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައްޔިތުންގެ ގާތުން ވެރިކަން ހިންގިގެން ނޫނީ ބޭނުންވާ ބަދަލެއް ނުފެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިބާރާތަކުން ވާހަކަފުޅުދެއްކެވި ނަމަވެސް އެމަނިކުފާނު އަބަދުވެސް ދައްކަވަނީ ރައީސް ސޯލިހުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގެ ވާހަކަ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދެންމެ ފާހަގަކޮށްދެއްވައިފި ސަރުކާރުގެ ސިޔާސަތު، އަޅުގަނޑުވެސް އަދި އެހެން އިބާރަތްތަކަކުންވެސް ހަމަ މި ދަންނަވަނީ އެ ސިޔާސަތުގެ ވާހަކަ. ރަށްރަށުގެ ބިމުން ލިބޭ ކުލި ރަށްރަށަށޭ، މައިގަނޑު ވާހަކައަކީ އޭގެ އަސާސަކީ ރަށްރަށުގެ މިލްކިއްޔާތަކީ ރަށު ރައްޔިތުންގެ އެއްޗެކޭ." ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓުގެ 5 % ރަށްރަށަށް ލިބުމަކީ ކައުންސިލްތަކަށް ފުރޮޅިގެންދާ ފަސް ޕަސެންޓް މަސައްކަތް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ވާހަކައަށް އަލިއަޅުވާލައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކައުންސިލަރުންނަށް ރަށްރަށް ނުހިންގޭނެ ކަމަށާއި އެފަދަ ޤާބިލިއްޔަތު ކަމެއް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކައަކީ އެކަން ނުކުރުމަށް ދައްކާ ބަހަނާއެއް ކަމަށާއި، ކައުންސިލަރުންގެ މަސައްކަތް އެމްޑީޕީން ބަލައިގަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ސޯލިހުވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރި ކުރުވަން ކަމަށާއި، ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި އެ ރަށެއްގެ މުއްސަނދިކަން އެ ރަށަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.