ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމު ކުރާ ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކު ތަރައްޤީ ކުރަން ނިންމާފައިވާ މި ޖިމްތަކަށް ބޭނުން ވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.
މި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާންވީ ގުޅުން ފާހަގަ ކުރަށްވާފައެވެ. އަދި ކުރީ ސަރުކާރުގެ ފަސް އަހަރުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވީ ކަމަށް ދެކެވުނު ނަމަވެސް އެއީ ކުށްހީއެއް ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާގެ ގުޅުމާއި ނުލައި ދިރިއުޅެން އުނދަގޫވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީ އަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސާފަ އެވެ.
މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!