ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ނަންއަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިޢުލާންކޮށްފިއެވެ.
އީސީއުން މިއަދު ކުރި އިޢުލާނެއްގައިބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާ ގުޅިގެން މިއަދާ ހަމައަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ 5 ކެންޑިޑޭޓުން ނަންއަނބުރާ ގެންގޮސްފައިވާކަމަށެވެ.
އީސީއިން ނަން އަންބުރާ ގެންގޮސްފައިވާކަމަށް ބުނެފައިވާ ފަރާތްތަކަކީ
- ލ. މާވަށު ކައުންސިލްގެ ރައީސް (ކެންޑިޑޭޓް ނަންބަރު 5) - އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ޢަބްދުލްމަޖީދު މާހިރު، އެންދެރިމާގެ / ލ.މާވަށް؛
- ށ. މަރޮށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި (ކެންޑިޑޭޓް ނަންބަރު 8) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކެންޑިޑޭޓް، ނަސްފާ މުޙައްމަދު ސަޢީދު، ދުންފިނިގެ / ށ.މަރޮށި؛
- ގއ. ކޮނޑޭ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި (ކެންޑިޑޭޓް ނަންބަރު 9) އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓް، ފާޠިމަތު ސާއިގާ ޚާލިދު، ދޯދި / ގއ. ކޮނޑޭ؛
- އއ. ބޮޑޮފޮޅުދޫ ކައުންސިލްގެ މެންބަރު (ކެންޑިޑޭޓް ނަންބަރު 8) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޙަސަންނާފިޢު، ދެތަޑިމާގެ / އއ. ބޮޑުފޮޅުދޫ؛
- ނ. މާޅެންދޫ ކައުންސިލްގެ މެންބަރު (ކެންޑިޑޭޓް ނަންބަރު 10) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް،މުޙައްމަދު ރަޝީދު، ރިސާދު / ނ.މާޅެންދޫ؛
ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު، ހުޅުވާލާފައިވަނީ 2020 ޖޫން 23 ވީ އަންގާރަ ދުވަހުން ފެށިގެންނެވެ. ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ ދިހަ ދުވަސް ކުރިން ނަން ނެގުމުގެ އެންމެ ފަހު ތާރީހު އިއުލާން ކުރާނެކަމަށް އީސީއިން ވަނީ ބުނެފައެވެ.
ކޯވިޑް-19 ގެ ސަބަބުން ޚާއްސަ ޤާނޫނަކުން ފަސްކޮށްފައިވާ ކައުންސިލް ތަކުގެ އިންތިޚާބު އަންނަ 2021 ވަނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިކަން އަދި ރަސްމީކޮން އިޢުލާންކޮށްފައެއް ނުވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ވުޖޫދު ވުމާއިއެކު، ފަސްކުރެވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020، އެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި ބާއްވައި ނިންމަންވާނެ ކަމަށް އެ ޤާނޫނުގައި ބުނެފައިވެއެވެ.
ޤާނޫނު ރައީސް ތަސްދީޤުކުރެއްވީ 10 މެއި 2020 ގައެވެ. އެހެންކަމުން މިހާރު އޮތްގޮތުން އަންނަ އަހަރުގެ މެއި 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ޖެހެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!