ހދ. ހަނިމާދޫގައި މަސް ނުވިގެންް މަސް އުކާލާ ކަމަށް ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ރޭ މެމްބަރު ޢަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ވަރަށް ގިނައިން މަސްބާނާކަމަށާއި އެހެން ނަމަވެސް އެ ބާނާ މަސް ކިރޭނެ ނިޒާމެއް މިވަގުތު ހަމަޖެހިފައެއް ނެތްކަމަށެވެ.
"މިފްކޯގެ ކުދި ބޯޓު ފަހަރު މަސްކިރާލާއިރަށް ފުރިގެން އަންނަން މިޖެހެނީ. ބާކީ ހުރި މަސްތައް ތިން ރުފިޔާއަށް ކިލޯއެއް ނުވިކިގެން ހަނިމާދޫގައި އުކާލަނީ. މަސްބޭނޭ އިރެއްގައި މަހަށް އަގެއް ނުލިބޭ. އުސޫލެއް ހަމަ ޖެހިފައެއް ނެތް."
ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.
ޢަބްދުލްޣަފޫރު ވިދާޅުވި ގޮތުގައި ފެލިވަރުން އުތުރުގައި ރާއްޖޭގައި މަސް ފެކްޓަރީއެއް ނެތްކަމަށާއި އޭގެ މާނައަކީ ރާއްޖޭގެ މަސްގަތުމުގެ ސިނާއަތު މިހާރު އޮތީ ހިސޯރުކޮށްފައިކަމަށެވެ. އަދި މަސްވެރިކަމާއި ބެހޭ ބިލް ފާސްވެގެންދާއިރު މިފަދަ ކަންކަން ނިމި، މިނިވަން މަސްވެރިކަމުގެ ސިނާއަތެއް ކަނޑައެޅެން ޖެހޭނެކަމަށެވެ.
މެމްބަރުގެ ވާހަކައިގައި ވަނީ މަސްވެރިކަމުން ލިބޭ ފައިދާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ހަމަ ހަމަ ކަމާއި އެކު ނުލިބޭ ކަމަށް ފާހަގަކޮށްފައެވެ.
މެމްބަރު ވިދާޅުވީ ރާއްޖެ މިއޮތީ މަސްވެރި ގައުމެއްގެ ގޮތުގައިކަމަށާއި އެކަމަކު ދުނިޔެއަކަށް އެކަމެއް ނޭނގޭކަމަށެވެ. އެގޮތުން ދުނިޔޭގެ ފޮތްތަކަށް ރާއްޖޭގައި ބާނާ މަސްތަކުގެ އަދަދުތަކެއް ނާރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.
"މިއަށް ވުރެ ކުދި ޤައުމުތަކުން އުޅެނީ މާ ކުރީގައި. މާ ނަފާ ހޯދާ. އެ ގައުމުތަކުގެ އިޤްތިޞާދު މަސްވެރިކަމުން ރުކުރުވާލައިގެން އެބަދޭ." ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.
އަބްދުލްޣަފޫރު ވިދާޅުވީ ރާއްޖޭގައި ފައިސާ ލިބޭނެ ހަމަ އެކަނި ވަސީލަތަކީ ޓޫރިޒަމް އެކަންޏެއް ނޫން ކަމަށާއި މަސްވެރިކަމަކީ ޓޫރިޒަމް އަށް ވުރެ ބޮޑަށް ފައިދާ ނެގޭނެ ކަމަކަށް ވާން އެބަޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ތަރައްޤީ ރާއްޖޭގެ މަސްވެރިކަމަށް ގެންނަން ޖެހޭކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާ މިއަދު ފަށާފައިވާއިރު ބިލު ފުރިހަމަ ނުވާކަން ގިނަ މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މަޖިލީހުގައި މަސްވެރިކަމާ ގުޅޭ ފަސް ގަރާރެއް ފާސްކޮށްފައިވާއިރު އެ ގަރާރުގައި ހިމެނުނު ކަންކަން ބިލުގައި ނުހިމެނޭތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!