ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކުރަން ނިންމާފައިވާކަމަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.
އެކައުންސިލުން މިރޭ ކުރި އާންމު އިޢުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ރޯގާގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި އަންނަނީ ފެތުރެމުންކަމަށާއި އަދި މިސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފައްސިވެފައިވާ މީހުން ފެނިފައިވާ މި ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އެއިދާރާގެ ނަންބަރު (IUL)266/266/2020/47 (30 އެޕްރީލް 2020) އިޢުލާން އިން ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 14 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ވަނީ ނިންމާފައެވެ.
މި އިޢުލާންގައިވާ އެންގުން އެންގިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމުގައި ބުނެފައިވެއެވެ.
ކާފިއު އިޢުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއްކަމަށާއި ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ޚިދުމަތް ދިނުމަކީ މަނާ ކަމެއްކަމަށް ބުނެފައި ވެއެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ޚިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް އެ އިދާރާއިން ދެއްވާ އިރުޝާދާ އެއްގޮތަށް ނިޒާމެއް ރޭވުމަށް ދަންނަވާފައިވެއެވެ.
މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއްކަމަށާއި މި އެންގުމާއި ހިލާފްވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު އެ ކައުންސިލަށް ލިބިފައިވާކަން އަންގާފައިވެއެވެ.
ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ނިހާޔަތަށް ޝުކުރު ދަންނަވާފައިވެއެވެ. ބަލި ފެތުރުމުގެ ނުރައްކާ ކުރިއަށް އޮތް ދުވަސްތަކުގައި އޮތުމާއެކު ކެތްތެރިކަން އިސްކޮށް ކަމާގުޅުން ހުރި މުއައްސަސާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލެބުމަށް އިލްތިމާސްކޮށް އަދި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!