ކޯވިޑް-19 އާއި ގުޅިގެން ވެމްކޯއިން ދޭ މުއްދަތު ހަމަވެގެންނާއި ކުނިވެ ހަލާކުވާ ތަކެތި ނައްތާލުމުގެ ޙިދުމަތައް ބަދަލުގެނެސް އެ ތަކެތި ލުއިފަސޭހަ ގޮތަކަށް ނައްތާލެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅިގެން ވެމްކޯއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޚިދުމަތްތަކުގެ ތެރެއިން ތަފާތު އެކި ސަބަބުތަކާއި ހުރެ ނައްތާލަންޖެހޭ މުދަލާއި ތަކެތި ނައްތާލުމުގެ ޚިދުމަތް ފޯރުކޮއްދެމުން ދަނީ އެ ކުންފުނީގެ ތިލަފުށި ވޭސްޓް ޑިސްޕޯސަލް ސައިޓުގައި ކަމަށެވެ.
އެގޮތުން، މި ޚިދުމަތް ދިނުމުގައި މިހާރު އަމަލުކުރަމުންދާ ގޮތަކީ ޙިދުމަތަށް އެދި ނައްތާލަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު އެ ކުންފުންޏަށް ހުށައެޅުމުން އެ ކުންފުނީގެ ފަރާތުން އެކަމަށް ހުއްދަ ދިނުމުން، ޙިދުމަތަށް އެދޭފަރާތުން އެތަކެތި ތިލަފުށި ސައިޓަށް ގެންދިއުމުން އެތަކެތި އެކުންފުނިން ނަށްތާލަނީ ކަމަށެވެ.
ނަމަވެސް، ކޯވިޑް-19 ގެ ފުރަބަންދާއި، މުޅި ރާއްޖޭގެ ސަރަހައްދުގައި ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެން، އެފަދަ ތަކެތި ލުއިފަސޭހަ ގޮތަކަށް ނައްތާލެވޭނެ އިންތިޒާމު އެ އެކުންފުނިން ހަމަޖައްސާފައިވާ ކަމަށް ވެމްކޯއިން ވަނީ އެ ޢިއުލާންގައި ބުނެފައެވެ.
މިގޮތުން، މުދާ ނައްތާލުމުގެ އުސޫލަށް ގެނެވުނު ބަދަލުގެ ތެރެއިން ނައްތާލުމަށް ބޭނުންވާ ބާވަތްތަށް މަދު އަދަދަކަށް ހިމެނޭ ފަރާތްތަކުން، މާލޭ ޓްރާންސްފަރ ސްޓޭޝަނަށް ނައްތާލުމުގެ ޚިދުމަތަށް އެދި ހުށައެޅުމުން އެކަމުގެ އިންތިޒާމް ހަމަޖެހިފައިވާކަން އެކުންފުނިން ބުނެއެވެ.
މި ހިދުމަތަށް ގެނެވުނު ބަދަލުގެ ތެރެއިން މާލޭ ޓްރާންސްފަރ ސްޓޭޝަނުން މުދާ ނައްތާލުމުގައި އަމަލު ކުރުމަށް ވެމްކޯއިން ހަމަޖައްސާފައިވާ އުސޫލު
1. މިއުސޫލުގެ ތެރެއިން ނައްތާލެވޭ ބާވަތްތައް:
ހ. މުއްދަތު ހަމަވެފައިވާ ކާބޯތަކެތި
ށ. ތަޣައްޔަރުވެފައިވާ ކާބޯތަކެތި
ނ. ކުނިވެ ހަލާކުވެ ނުވަތަ މުޅަވެފައިވާ ކާބޯތަކެތި
ރ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ނައްތާލަންޖެހޭކަމަށް ކަނޑަ އަޅާފައިވާ ކާބޯތަކެއްޗާއި
ބޭހުގެ ބާވަތްތައް
ބ. މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރު ކޮއްފައިވާ ތަކެތި
ޅ. މިބާވަތުގެ ކުނީގެ ތެރޭގައި ތަފާތު ކެމިކަލް އެކުލެވޭ ނުރައްކާތެރި ކުނި ނުހިމެނޭނެއެވެ.
2 . މިއުސޫލުގެ ތެރެއިން މާލެ ޓްރާންސްފަރ ސްޓޭޝަނުން ނައްތާލެވޭ ތަކެތީގެ މިންވަރު:
ހ. 350 ކިލޯ އެއީ 1500 ކިލޯގެ ދެމެދުގެ އުޅަނދުތަކުގައި ގެނެވޭ ކުނި
ށ. ޙިދުމަތައް އެދޭ ފަރާތަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން އުކޭނީ 1500 ކިލޯގެ އުޅަނދުގެ ކުންޏެވެ.
3. ޚިދުމަތުގެ ފީ:
ށ. ފީ ނަގާނެ ރޭޓަކީ ޓަނަކަށް 2700.00 ރުފިޔާއެވެ. (ޖީ.އެސް.ޓީ ނުހިމަނާ)
ނ. އާއްމު އުސޫލެއްގެ ދަށުން ފީ ނަގާނީ ނަގުދު ފައިސާއިންނެވެ.
ނ. ފީ ނަގާނީ ޓްރާންސްފަރ ސްޓޭޝަނަށް އެ ބާވަތުގެ ކުނި އުފުލައިގެން ގެންނަ ވެހިކަލްގެ ބަރުދަނަށް
(ޓަނޭޖަށް) ބަލައިގެންނެވެ.
4. ވެހިކަލް ގެ ބަރުދަން ބެލުން
ހ. ވެހިކަލް ގެ ބަރުދަން ބަލާނީ ވެހިކަލްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓުންނެވެ.
ވެމްކޯއިން ދަނީ މާލެ ސިޓީ ފުރަބަންދުކޮށްފައިވާ މިވަގުތުގައިވެސް އެކުންފުނީގެ ޚިދުމަތްތަށް ކަސްޓަމަރުންނަށް ދަތިނުވާނެހެން ފޯރުކޮށް ދެމުންނެވެ.
ފުރަބަންދުގެ މުއްދަތުގައި މާލެ ސިޓީގެ ގޭ ބިސީތަކުން ކުނި ނެގުމަށް ވެމްކޯގެ މުވައްޒަފުން ދާނީ ކޮންމެ ދުވަހެއްގެ މެންދުރު 12.00ން ފެށިގެން މެންދުރު ފަސް 14.00 އާ ދެމެދުގެ ވަގުތު ކަމުގައި ވެމްކޯއިން ވަނީ ހަމަޖައްސާފައެވެ.
އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުނި އެޅުމަށް ބޭނުންކުރާ ކޮތަޅު ލިބުން ދަތިވުމުން ކަސްޓަމަރުންގެ އެދުމުގެ މަތިން ޑަސްބިން ކޮތަޅު ޑެލިވަރީކޮށް ދިނުމުގެ ޚިދުމަތްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!