ވިލާ ގްރޫޕްގެ ތިން ރިސޯޓެއް ކޮވިޑް-19 ފެތުރުން ހުއްޓުވަން ކަރަންޓީން ކުރަން ޖެހޭ މީހުންނަށް ހާއްސަކޮށް، ސަރުކާރަށް ދެއްވުމަށް ނިންމެވީ އެއްވެސް ޝަރުތަކާއި ނުލައި، އިންސާނީ ޚިދުމަތަށް ޓަކައިކަމަށް ވިލާ ގްރޫޕްގެ ޗެއަރމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ޤާސިމް ވިދާޅުވީ ކޮވިޑް-19 އިން ޤައުމު ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް އިންސާނިއްޔަތަށްޓަކައި، އެއްވެސް އަގަކާއި ނުލައި މިހާރުވާނީ ވިލާ ގްރޫޕްގެ ތިން ރިސޯޓް ދޫކުރެވިފައިކަމަށެވެ. އެތިން ރިސޯޓުވެސް ދޫކޮށްފައިވަނީ މިހާރު އެތިން ރިސޯޓުގައި ހުރި ވަސީލަތްތަކާއި، ކެއިން ބުއިމުގެ ސްޓޮކާއި، މުވައްޒަފުންނާއި އެކުގައިކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

Ad
rt

ވީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ސިޔާސީ ބޮޑު ކުޅިގަނޑަކަށް މިކަން ހަދައިގެން އުޅުމަކީ ވަރަށް ދެރަވަރުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި ހިތާމައަކީ މިދަނޑިވަޅުގައި ވެސް އެކި ބާވަތުގެ ވިސްނުން ހުރި މީހުން ދިވެހިންގެ ތެރޭގައި އުޅޭތީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ކަރަންޓީނު ފެސިލިޓީގެ ގޮތުގެ ރިސޯޓުތައް ދޫކޮށްލުމަށް ފުރަތަމަ އެދިވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އޭގެކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯން ކޯލެއް މިސްވެފައި އޮތް ކަން ގާސިމް ފާހަގަކުރެއްވިއެވެ.

އެހެންވެ، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށްޓަކައި ރިސޯޓުތައް ސަރުކާރަށް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަން ދެ ބޭފުޅުންނަށް ވެސް އެންގެވި ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވަން އަދިވެސް ހުންނެވީ ތައްޔާރަށެވެ.

ގާސިމް ވިދާޅުވީ އަލީ ވަހީދާ އެކު ކުރެއްވި މަޝްވަރާތަކުގައި ފަން އައިލެންޑްގައި ހުރި ކޮންމެ ކޮޓަރިއަކަށް 750ރ. ދޭން ސަރުކާރުން ބޭނުންވި ކަމަށެވެ. އެކަމަކު، މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދެއްވާ ކަމެއްގެ ގޮތުގައި ނިންމަވާފައި "އެއްވެސް އިތުރު ޗާޖެއް" ނުކުރާ ގޮތަށް ނިންމެވި ކަމަށް ގާސިމް ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ގެންދާއިރު، ރާއްޖޭގެ ސަރުކާރުންވެސް ވަނީ އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.