ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މާރަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 25 ވާ ބުދަދުވަހުގެ ނިޔަލަށް، އެދުވަސްތަކުގެ ތެރެއިން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް މާރަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭކަމަށެވެ.
އެމަސަތްކަތަށް އެދޭ ފަރާތްތަކުގެ މެދުގައި އޮންނަ ޕްރީބިޑް ސެޝަން އޮންނާނީ 2020 މާރިޗު 29 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައިކަމަށާއި، އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2020 މާރިޗް 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި އެކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލުގައި ކަމަށް އެ ޢިއުލާންގައި ވެއެވެ.
މިމަސައްކަތް ކުރުމަށް ޢިއުލާން ކުރުމާއި ގުޅިގެން މާރަންދޫ ނިސްބަތްވާ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިސަރުކާރުން މާރަންދޫ ރައްޔިތުންގެ ތަރައްޤީ ފުރިހަމަކޮއްދޭނެކަމަށެވެ.
ހއ މާރަންދޫ ސިއްހީމަރުކަޒުގެ އެކުސްޓެންޝަން އިމާރާތްގެ މަސައްކަތް ކުރާނެބަޔަކު ހޯދަން އިޢުލާން ކުރުން.
މިސަރުކާރުން މާރަންދޫ ރައްޔިތުންގެ ތަރައްޤީ ފުރިހަމަކޮއްދޭނެ. pic.twitter.com/U66Hx9Y7EJ— MP Mohamed Shifau (@mhshifau) March 16, 2020
މާރަންދޫ ސިއްޚީ މަރުކަޒުގެ އެކްސްޓެންޝަން ޕޮރޮޖެކްޓު އެ ކައުންސިލާއި ހަވާލުކޮށްފައިވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހާއެކު، ހެލްތު މިނިސްޓްރީގެ 20 ޕްރޮޖެކްޓެއް 20 ރަށެއްގެ ކައުންސިލްއާ ހަވާލުކުރުމަށް މާޗް 1 ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތެރޭގައިއެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫއުތައް ކައުންސިލްތައް އަމިއްލަ އަށް ހިންގަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ހެލްތު މިނިސްޓްރީގެ 20 މަޝްރޫއެއް ވެސް ކުރިއަށްގެންދަން ކައުންސިލްތަކާ ހަވާލުކުރީ އޭގެ ދަށުންނެވެ.
މިއަދު އެއަތޮޅު ފިއްލަދޫ ކައުންސިލުންވެސް ވަނީ އެރަށު ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!