އީރާނުން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ސީދާ ގޮތެއްގައި ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ މާއްދީ ގެއްލުން ލިބިފައިވާ ކަމަށް ޕެންޓަގަންގެ އަންދާޒާތަކާ ހަވާލާދީ ދަ ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އަދި ހަލާކުވި ހާޑްވެއާ އާއި އޮޕަރޭޝަނަލް ގެއްލުންތައް ހިމެނުމުން މި އަދަދު 15 ބިލިއަން ޑޮލަރާ ހަމައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޕެންޓަގަންގެ އެސެސްމެންޓްތަކާ ހަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިގޮތުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ތިބި އެމެރިކާ ސިފައިންގެ ބަރަކާތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި، ރާޑަރުތަކުގެ އިތުރުން މުވާސަލާތީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ad
d

މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު މަރުކަޒުތަކުގެ ތެރޭގައި ޖޯޑަންގައި ހުންނަ މުވައްފަގު ސަލްތީ އެއާ ބޭސް ހިމެނެއެވެ. އެ ބޭސްގެ 19 އަށް ވުރެ ގިނަ އިމާރާތަށާއި، ސިފައިންގެ ބަރަކާތަކުގެ އިތުރުން މަތިންދާބޯޓު މަރާމާތުކުރާ ހެންގަރުތަކަށް ވަނީ ސީދާ ހަމަލާތައް އަރައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މީގެއިތުރުން ބަހްރައިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ ލޮޖިސްޓިކްސް މަރުކަޒާއި ނޭވަލް ސަޕޯޓް ފެސިލިޓީގެ ރާޑަރު ނިޒާމުތަކަށާއި މުވާސަލާތީ ވިއުގަތަކަށް އަދި ބަނދަރުގެ އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތްތަކަށް ގޮވުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ކުވައިތާއި އިރާގުގައި ހުރި އެމެރިކާގެ ކުރީސަފުގެ ސަޕޯޓް މަރުކަޒުތަކުގެ ބަރަކާތަކަށާއި އަވަހަށް އިންޒާރުދޭ ރާޑަރު ވިއުގަތަކަށް ގެއްލުން ވުމާ ގުޅިގެން، ކޮންމެހެން ތިބެން ނުޖެހޭ މުވައްޒަފުން ވަނީ ވަގުތީ ގޮތުން އެތަންތަނުން ނެރެފައެވެ. ހަމައެއާއެކު ގަލްފުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައިވާ އަވަހަށް އިންޒާރުދޭ މިސައިލް ރާޑަރު ސްޓޭޝަންތަކަށާއި ވައިގެ ދިފާއީ ބެޓެރިތަކަށް އަމާޒުކޮށް ހަމަލާދީފައިވަނީ އެމެރިކާގެ ޓްރެކިން ގާބިލުކަން ކުޑަކުރުމުގެ ބޭނުމުގައެވެ. މީގެ އިތުރުން، އެމެރިކާގެ ގާތްގަނޑަކަށް 42 އަސްކަރީ މަތިންދާބޯޓާއި ޑްރޯން (މައިގަނޑު ގޮތެއްގައި ޖާސޫސީ ބޮޑެތި ޑްރޯންތަކާއި ހަނގުރާމަމަތީ ޖެޓްތައް) ރަންވޭތަކާއި ހެންގަރުތަކުގެ ތެރޭގައި ހަލާކުވެ ނުވަތަ ބޭނުންނުކުރެވޭ ވަރަށް ގެއްލުން ވެފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Ad
df

މަރުކަޒުތަކުގެ މަރާމާތަށް ހިނގާނެ ކަމަށް އަންދާޒާކުރާ 5 ބިލިއަން ޑޮލަރަކީ ހަނގުރާމައިގެ ޖުމްލަ ޚަރަދާ ވަކިން ހިމެނޭ އަދަދެކެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނަށް ޕެންޓަގަނުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ މެދާ ހަމައަށް މި ހަނގުރާމައިގެ ޖުމްލަ އޮޕަރޭޝަނަލް ޚަރަދު ވަނީ 47.1 ބިލިއަން ޑޮލަރަށް އަރާފައެވެ. މި ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭނުންކުރެވުނު ޕްރެސިޝަން ގައިޑެޑް މިއުނީޝަންތަކާއި ހަތިޔާރުގެ ސްޓޮކް އަލުން ފުރިހަމަކުރުމަށް ކަނޑައެޅި 29 ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން، އެމެރިކާގެ ވައިގެ ސިފައިންގެ ފައިޓަރު އަދި ބޮންއަޅާ ބޯޓުތަކުގެ އޮޕަރޭޝަންތަކަށް 7.6 ބިލިއަން ޑޮލަރު ހޭދަވެފައިވާއިރު، ގެއްލުންވި އަސްކަރީ މަތިންދާބޯޓުތަކާއި ހާޑްވެއާ މަރާމާތުކުރުމަށް ނުވަތަ އަލުން ހޯދުމަށް 6.1 ބިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. އަދި އެ ސަރަހައްދުގައި ސިފައިން ބޭތިއްބުމަށާއި ކުރީސަފަށް ސިފައިން ފޮނުވުމަށް އެމެރިކާގެ އެއްގަމު ސިފައިން 2.1 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރުތަކާއި އެއާކްރާފްޓް ކެރިއާ ސްޓްރައިކް ގްރޫޕްތަކުގެ އޮޕަރޭޝަންތަކަށް 1.5 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ޕެންޓަގަނުން ބުނެއެވެ.