ސައިބަރ ސެކިއުރިޓީ މަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރެވިފައިވާ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ކެމްޕޭނުގެ ދަށުން ހއ. އަތޮޅުގެ އެކި ރަށްރަށުގައި ފުލުހުން ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގައިފިއެވެ.
އޮކްޓޫބަރު މަހުގެ 18 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ސައިބާ ސެކިއުރިޓީއަށް އާންމުންނާއި އެކި ދާއިރާތަކުގެ މުވައްޒަފުން އަހުލުވެރިކުރުވުމެވެ.
ހއ. އަތޮޅު ޕޮލިހުން ބުނީ، މި ކެމްޕޭނުގެ ތެރެއިން ހއ. އިހަވަންދޫގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން 2026 އޮކްޓޫބަރު 22 ވަނަ ދުވަހު އިހަވަންދޫ ސްކޫލުގެ އެސެމްބްލީގައި ބައިވެރިވެ، ދަރިވަރުންނާއި މުދައްރިސުން އަދި މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ގޮތުން ސްޕީޗް ދިނުމާއި، މައުލޫމާތު ހިއްސާކޮށް ފޮޓޯ ނެގުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން، އޮކްޓޫބަރު 26 އަދި 27 ވަނަ ދުވަހު އެ ރަށުގެ މުއައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ސެޝަންތައް ވަނީ ބާއްވާފައެވެ.
އިހަވަންދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން އެ ރަށުގެ ކައުންސިލް އިދާރާ، އާމިނާ ދިޔޯ ހެލްތު ސެންޓަރ، މެޖިސްޓްރޭޓް ކޯޓް، ސްޓެލްކޯ، އެމްޓީސީސީ، އާރްޑީސީ، ވެމްކޯ، މިފްކޯ، އެފްއެސްއެމް އަދި ބޭންކް އޮފް މޯލްޑިވްސްއަށް ފުލުހުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ހަރަކާތްތައް ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމުގައި އެ މުއައްސަސާތަކާއި ކުންފުނިތަކުގެ އިތުރުން ސްކޫލުން ދެއްވި އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ކެމްޕޭނުގެ ދަށުން ހއ. ކެލާގައި ވެސް މުހިންމު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 2026 އޮކްޓޫބަރު 19 އިން 24 އަށް ކެލާ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން، އެ ރަށުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި އަދި ސްކޫލު ބެލެނިވެރިންނަށް އަމާޒުކޮށް އިންޓަރނެޓްގެ ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހަމައެއާއެކު ހއ. މޮޅަދޫގައި 2026 އޮކްޓޫބަރު 22 އަދި 23 ވަނަ ދުވަހު ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އެގޮތުން އޮކްޓޫބަރު 22 ގައި އެ ރަށުގެ ގޭގެއަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާއިރު، 23 ވަނަ ދުވަހު މައުލޫމާތު ދީފައިވަނީ މޮޅަދޫ ކައުންސިލާއި، ސްކޫލާއި، ހެލްތު ސެންޓަރާއި، ކޯޓު އަދި ސްޓެލްކޯ ބްރާންޗަށެވެ. އެ ރަށުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދިން އެއްބާރުލުމަށް ވެސް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ހއ. ތަކަންދޫގައި އޮކްޓޫބަރު 22 ވަނަ ދުވަހު ސަރުކާރު މުއައްސަސާތަކަށާއި ކުންފުނިތަކުގެ އިތުރުން ކެފޭ ފިހާރަތަކަށް ޒިޔާރަތްކޮށް، ފްލަޔަރ ހަވާލުކުރުމާއި މައުލޫމާތު ދިނުން ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ ތެރޭގައި ތަކަންދޫ ކައުންސިލާއި، ކޯޓާއި، ސްޓެލްކޯ ބްރާންޗް އަދި ސިއްހީ މަރުކަޒު ހިމެނެއެވެ. އަދި 2026 އޮކްޓޫބަރު 25 ވަނަ ދުވަހު ހއ. މާރަންދޫ ސްކޫލު އެސެމްބްލީގައި މާރަންދޫ ޕޮލިސް ޕޯސްޓުގެ މުވައްޒަފުން ބައިވެރިވެ، ދަރިވަރުންނަށާއި މުދައްރިސުންނަށް ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން ސްޕީޗް ދީ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!