ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރޭޕްކުރުމާއި، ޖިންސީ އަނިޔާ އަދި މީހުން މަރައި ހުސްކުރުން ހިމެނޭ ކަމަށް އދ. ގެ މިނިވަން ތަހުގީގީ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގައި ނަސްލުހޭދު ކުރުމުގެ އަމަލުތައް ހުއްޓުމެއްނެތި ހިންގަމުންދާ އިރު، އިސްރާއީލުން ދަނީ އަނިޔާކުރުމާއި ނަސްލީ ގޮތުން ދެކޮޅުވެރިކަން އިސްކުރުން ފަދަ ބޮޑެތި ޖަރީމާތައް ތަކުރާރުކުރަމުންނެވެ.
އދ. ގެ އިންޑިޕެންޑެންޓް އިންޓަނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، 7 އޮކްޓޫބަރު 2023 އިން ފެށިގެން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކާއި ޔަހޫދީ ވަޒަންވެރިން ހިންގާ އަނިޔާވެރި އަމަލުތަކަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ރޭވިގެން، ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކެމްޕޭނެއްގެ ބައެއް ކަމަށެވެ. އަދި މިއީ ހުޅަނގު އައްސޭރީގެ އާންމުންނަށް އަމާޒުކޮށްގެން ދެވޭ ނިޒާމީ ހަމަލާތަކެއް ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން އިސްރާއީލު ސިފައިން ގަސްތުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށާއި، މުޖުތަމައުތައް ބިރުގަންނަވައި ގެދޮރުން ނެރެލުމަށްޓަކައި ޖިންސީ އަނިޔާ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެއެވެ. އަދި ގަދަކަމުން މީހުން ގެދޮރުން ބޭރުކޮށްގެން ބިމުގެ ސަރަހައްދު ފުޅާކުރުމުގެ ސަބަބުން، އޮގަސްޓް 2026 އާ ހަމައަށް ހުޅަނގު އައްސޭރިން 34،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ޣައްޒާގެ ހާލަތާ ގުޅޭގޮތުން ކޮމިޝަނުން ފާހަގަކުރީ، މީގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުންތަކާއި އަސްކަރީ ސަފުތަކަށް ބަދަލު އައި ނަމަވެސް، ފަލަސްތީނުގެ އާބާދީ އެއްކޮށް ނުވަތަ އޭގެ ބައެއް ނައްތާލުމުގެ މަގުސަދުގައި އިސްރާއީލުން ޣައްޒާގައި ނަސްލުހޭދު ކުރުމުގެ އަމަލުތައް އަދިވެސް ހިންގަމުންދާ ކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން އާންމުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދެމުންދާ ކަމަށާއި، ކުޑަކުދިންނަށް ލިބޭ ގެއްލުމަކީ އޮޅުމަކުން ނުވަތަ އިއްތިފާގަކުން ވާ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ ރިޕޯޓުގައި ވަނީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ގާނޫނާ ހިލާފު އިސްތިއުމާރު ވަގުތުން ނިމުމަކަށް ގެނައުމަށާއި، ޔަހޫދީ އާބާދީތައް އެ ސަރަހައްދުތަކުން ބޭރުކުރުމަށް ގޮވާލާފައެވެ. މީގެއިތުރުން ނަސްލުހޭދު ކުރުމުގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަން ހިންގާ ފަރާތްތަކަށް އަދަބު ދިނުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރުމަށް ވެސް ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ.
މި ރިޕޯޓާ ގުޅިގެން އިސްރާއީލުގެ ފޮރިން މިނިސްޓްރީން ވަނީ އެ ހޯދުންތައް އެއްކޮށް ދޮގުކޮށް، އެއީ "ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ލިޔުމެއް" ކަމަށް ބުނެފައެވެ. އަދި މި ރިޕޯޓުގެ ސަބަބުން އިސްރާއީލުގެ އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް ބުނެ، ރިޕޯޓުގެ ނިންމުންތައް ބަލައިނުގަތުމަށާއި އެ ކޮމިޝަން އުވާލުމަށް އިސްރާއީލުގެ ޑިޕްލޮމެޓިކް މަންދޫބުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!