ސަރަހައްދީ ސުލްހަ ގާއިމުކުރުމަށާއި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށް ޑިޕްލޮމެޓިކް ވަސީލަތްތައް އިޚްތިޔާރުކުރުމަށް "މައްކާ އެއްބަސްވުން" ނުވަތަ މައްކާ ޕެކްޓްގެ ގައުމުތަކާ އެކު މަސައްކަތްކުރަން އެއްބަސްވެވިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ މައްކާ އެއްބަސްވުމުގައި ހިމެނޭ ގައުމުތަކުގެ އިސް ވެރިން އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގެން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމަކަށް ފަހު، އީރާނުގެ ދައުލަތުގެ މީޑިއާއިންނާއި މަޝްވަރާތަކުގައި ބައިވެރިވި ގައުމުތަކުގެ ޚާރިޖީ ވުޒާރާތަކުންނެވެ.
ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ ހިމެނޭ ގޮތަށް އެކުލަވާލާފައިވާ މި ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ސައޫދީގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާނާއި، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރުގެ އިތުރުން ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލިންއެވެ. މި ވަފުދުން ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަދި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީގެ އިތުރުން އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީރާނުގެ ރައީސް ޕެޒެޝްކިއާން ވިދާޅުވީ، ސަރަހައްދީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި، ސަލާމަތާއި އަދި ތަރައްގީއަށް މަގުފަހިވާ ކޮންމެ އެއްބަސްވުމަކަށް ވެސް އީރާނުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށާއި، ހަމަނުޖެހުންތައް ފިނިކުރުމަށާއި، ގަތަރާއި ޕާކިސްތާނުން އިސްނަގައިގެން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރަސްމީ ދާއިމީ މަޝްވަރާތަކެއް ބޭއްވުމަށް މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.
ސައޫދީ އަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީ ގުޅިގެން "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" އެކުލަވާލައި ސޮއިކޮށްފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. މިއީ އެ ގައުމުތަކުގެ ތެރެއިން ގައުމަކަށް ދެވޭ ކޮންމެ ހަމަލާއަކީ ތިން ގައުމަށް ވެސް ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލައި، ދިފާއުގައި އެކުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އަސްކަރީ އިއްތިހާދެކެވެ.
ތެހެރާނުގައި ބޭއްވުނު މި މަޝްވަރާތަކަކީ، ސައޫދީ އަރަބިއްޔާގެ ހަކަތައިގެ ވަސީލަތްތަކަށާއި ވައިގެ ބަނދަރުތަކަށް އަމާޒުކޮށް ހޫތީން އަލުން ދޭން ފަށާފައިވާ މިސައިލާއި ޑްރޯން ހަމަލާތަކާ ގުޅިގެން، މައްކާ އިއްތިހާދަށް ކުރިމަތިވި ޑިޕްލޮމެޓިކް ފުރަތަމަ ބޮޑު އިމްތިހާނެވެ. އަދި މިއީ ސަރަހައްދުގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަނގުރާމައިގެ ހާލަތުގެ ތެރޭގައި ހިނގައިދިޔަ ކަމެކެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ޕާކިސްތާނުގެ ފްރަންޓިއާ ކޯޕްސްގެ ކުރީގެ ކޮމާންޑަރު، ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް ތާރިގް ޚާން އަލްޖަޒީރާއަށް ވިދާޅުވީ، މިއީ މެދުއިރުމަތީގެ މުސްތަގުބަލުގެ ސިޔާސީ ނިޒާމު ބައްޓަންކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މައްކާ އިއްތިހާދަކީ ސަރަހައްދީ މާނަވީ ސަލާމަތީ އިންތިޒާމަކަށް ބަދަލުވެދާނެ ބާރެއް ކަމަށާއި، މިފަދަ ނިޒާމެއް ކާމިޔާބުވުން ނުވަތަ ނާކާމިޔާބުވުން ބިނާވެގެންވަނީ އީރާނު މީގެ ތެރޭގައި ހިމެނޭ މިންވަރެއްގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރަހައްދުގެ މުސްތަގުބަލުގެ ސަލާމަތީ އިންތިޒާމުތަކާ ގުޅޭގޮތުން ކުރެވޭ ބަހުސްތަކުގެ ތެރޭގައި އެ ނިޒާމުގެ ތެރޭގައި އިސްރާއީލަށް އޮތް ޖާގައާއި، އިސްރާއީލުގެ ސިޔާސަތުތައް ބަލައިގަތުމަށް ސަރަހައްދުގެ ގައުމުތައް ތައްޔާރަށް އޮތް މިންވަރު ހިމެނޭ ކަމަށް ވެސް ތާރިގް ޚާން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، "ސުވާލަކީ މިހާރު ހަމައެކަނި އެމެރިކާއާއި އީރާނުގެ ހަނގުރާމަ ނިމުމަކަށް އަންނާނީ ކިހިނެއްތޯއެއް ނޫން، އޭގެ ބަދަލުގައި ސުވާލަކީ އޭގެ ކުރިން އޮތް ނިޒާމުގެ ބަދަލުގައި ސަރަހައްދުގައި ދެން އަންނާނީ ކޮން އާ ނިޒާމެއްތޯ،" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!