ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭރު ފައިސާ މާރުކުރަންޖެހޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ އިލްތިޒާމު ފުރިހަމަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަނދާންކޮށްދީފިއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ފައިސާ މާރުކުރުމުގެ އިލްތިޒާމު އަދާކުރަމުން ގެންދިއުމަކީ ލާޒިމު ކަމެއް ކަމަށެވެ.

Ad
rt

މިގޮތުން، ކޮންމެ މީލާދީ މަހެއްގައި ވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، އެ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން މާރުކުރަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ވަނީ ބަޔާންކޮށްފައެވެ.

އެ އޮތޯރިޓީން ވަނީ އެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް ތަކުރާރުކޮށް ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، ކަނޑައެޅިފައިވާ ސުންގަޑި ހަމަވާއިރު ވެސް ގާނޫނާ އެއްގޮތަށް މާރުކުރުމުގެ އިލްތިޒާމު ފުރިހަމަ ނުކުރާ ފަރާތްތައް ވާނަމަ، އެ ފަރާތްތަކާމެދު އުސޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، ސުންގަޑި ހަމަވާއިރު އިލްތިޒާމް ފުރިހަމަނުކުރާ ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކުގެ ނަންތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ހާމަކުރަމުން ގެންދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.