ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ 100 އަށް ވުރެ ގިނަ މައްސަލައިގައި މެންޗެސްޓާ ސިޓީ ކުށްވެރިވި ނަމަވެސް، މި ދަނޑިވަޅުގައި ކުލަބަށް އެންމެ މުހިންމީ އެންމެން އެކަތިގަނޑަކަށް ވެ އެއްބައިވަންތަކަން ދެއްކުން ކަމަށް އެ ޓީމުގެ ތަރި އާލިން ހާލަންޑް ބުނެފިއެވެ.

މި މައްސަލައިގެ ނިންމުން ސިޓީން މިހާރު އިސްތިއުނާފު ކޮށްފައިވާއިރު، ހާލަންޑް ވަނީ ޓީމާއެކު ސާބިތުވެ ހުންނާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

Ad
rt

މިނިވަން ކޮމިޝަނަކުން މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، ނުވަ އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ސިޓީން ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ސީރިއަސް މިންވަރަކަށް ހިލާފުވެފައިވާ ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ދީފައިނުވާ ކަމަށްވެސް ވަނީ ކަނޑައަޅައިފައެވެ. އެހެން ނަމަވެސް ސިޓީން ބުނަނީ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށެވެ. މި ހުކުމް ދަމަހައްޓައިފިނަމަ، ލީގުން ރެލިގޭޓް ކޮށްލުމާއި، ޕޮއިންޓް އުނިކުރުމުގެ އިތުރުން ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ސިޓީއަށް ޖެހިދާނެއެވެ.

އިނގިރޭސިވިލާތުގެ ސްކައި ސްޕޯޓްސްއާ ވާހަކަދައްކަމުން ނޯވޭގެ ފޯވާޑް ހާލަންޑް ބުނީ، ދިރިއުޅުމުގައި ކޮންމެ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް އަބަދުވެސް ހުންނަންވާނީ ހިނިތުންވުމާއެކު ކަމަށެވެ. އަދި މި ހާލަތުގައި އެންމެން އެކަކު އަނެކަކަށް ލޯބި ދީ، އެއްބައިވަންތަކަމާއެކު މި ދަތުރުގެ އުފާ ހޯދަން ޖެހޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަރެމެން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި ތިބެން، އަދި ޕޮޒިޓިވް ވިސްނުމުގައި ދެމިތިބެން. އަހަރެމެން ކުރިއަށް ބަލައިގެން ފުޓްބޯޅަ މެޗުތަކުން މޮޅުވާން މަސައްކަތް ކުރަންޖެހޭ،" އުމުރުން 26 އަހަރުގެ ހާލަންޑް ބުންޏެވެ.

މި ހުކުމް އައުމަށްފަހު ސިޓީން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ އެންފީލްޑްގައި ވާދަވެރި ލިވަޕޫލާ ދެކޮޅަށެވެ. މި ސީޒަނުގެ ލީގުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެ ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ދެވަނައިގައި އޮތް އާސެނަލްއަށް ވުރެ ތިން ޕޮއިންޓް ކުރީގައެވެ. އާ ކޯޗު އެންޑޯނީ އިރައޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލިވަޕޫލް ބަލިނުވެ އޮތް ނަމަވެސް، އެ ޓީމު އޮތީ ސިޓީއަށް ވުރެ ހަ ޕޮއިންޓް ފަހަތުން ތާވަލުގެ ހަވަނައިގައެވެ.

ސިޓީގެ މައްސަލަ ތަހުގީގުކުރި 2009 އިން 2018 އަށް ވީ މުއްދަތުގައި ލިވަޕޫލް ދެވަނައަށް ދިޔައީ ސިޓީއަށް ވުރެ އެންމެ ދެ ޕޮއިންޓް ފަހަތުންނެވެ. އަދި އޭގެ ފަހުން ޔާގަން ކްލޮޕްގެ އިރުޝާދުގެ ދަށުންވެސް ޕެޕް ގާޑިއޯލާގެ ސިޓީގެ ފަހަތުން އެންމެ ޕޮއިންޓެއްގެ ތަފާތުން ދެ ފަހަރެއްގެ މަތިން ލިވަޕޫލް ވަނީ ދެވަނައަށް ގޮސްފައެވެ. ސިޓީން މާލީ ގަވާއިދުތަކާ ހިލާފުވެ މަކަރުހަދައިގެން ނާޖާއިޒު ފައިދާ ހޯދި ކަމަށް އިދިކޮޅު ސަޕޯޓަރުން ތުހުމަތުކުރާތީ، އެންފީލްޑްގައި ސިޓީއަށް ހޫނު އަދި ރުޅިވެރި މާހައުލަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.

މޯލްޑޭ، ސާލްޒްބާގް އަދި ބޮރޫޝިއާ ޑޯޓްމަންޑަށް ކުރިން ކުޅުނު ހާލަންޑް ބުނީ، ލިވަޕޫލާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް ހާއްސަ ކަމެއް ކަމަށާއި އެ ދަނޑުގައި ކުޅޭ ކޮންމެ މެޗަކީވެސް ތަފާތު ތަޖުރިބާއެއް ކަމަށެވެ.

އިނގިރޭސިވިލާތަށް އުފަން ހާލަންޑްގެ ބައްޕަ އަލްފް-އިންގޭ ހާލަންޑަކީ ވެސް މީގެ ކުރިން ސިޓީ އަދި ލީޑްސް ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކުޅުނު ކުޅުންތެރިއެކެވެ. ސިޓީ ރެލިގޭޓްވެއްޖެނަމަ އެހެން ކްލަބަކަށް ހާލަންޑް ބަދަލުވާނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އޭނާ ބުނީ ސިޓީއަކީ އޭނާ އާއި އޭނާގެ އާއިލާއަށް ވަރަށް މުހިންމު ތަނެއް ކަމަށެވެ.

ހާލަންޑް އިތުރަށް ބުނީ އޭނާގެ ހަޔާތުގެ ފުރަތަމަ ހަތަރު އަހަރު ހޭދަކުރީ އެ ސިޓީގައި ކަމަށާއި، އޭނާއަކީ ވެސް ސިޓީގެ ސަޕޯޓަރެއް ކަމަށްވާތީ ކުލަބާއި ސަޕޯޓަރުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ ކަމަށެވެ.