ހައްޔަރުކޮށްފައިވާ ވެނެޒުއެލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯގެ އަނބިކަނބަލުން ސިލިއާ ފްލޯރެސްގެ ސިއްހީ ހާލުކޮޅު ޖަލުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ، އޭނާ ގޭބަންދަށް ބަދަލުކޮށްދިނުމަށް ވަކީލުން އެދިވަޑައިގަތުމުން އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އެކަމާ ދެކޮޅު ހަދައިފިއެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕްރޮސެކިއުޓަރުން ދެކޮޅު ހަދަނީ އޭނާ ފިއްލަވައިގެން ވަޑައިގެންފާނެ ކަމުގެ ބިރަށެވެ.

Ad
rt

އުމުރުން 69 އަހަރުގެ ފްލޯރެސް މިހާރު ބަންދުކޮށްފައި ހުންނެވީ އެމެރިކާގެ ބްރޫކްލިންގައި ހުންނަ މެޓްރޯޕޮލިޓަން ޑިޓެންޝަން ސެންޓަރުގައެވެ. އޭނާގެ ދިފާއީ ވަކީލުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ޖަލުގައި ބަންދުކުރި ފަހުން އޭނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

ވަކީލުން ފާހަގަކުރި ގޮތުގައި، މިދިޔަ ޖުލައި މަހު ބަންދުގައި ހުންނަވަނިކޮށް ފްލޯރެސްއަށް ކުޑަ ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށް ބެލެވެއެވެ. އަދި އޭނާއަށް ހިތުގެ އޮޕަރޭޝަނެއް ބޭނުންވެދާނެ ކަމަށް ސިއްހީ އެހީތެރިން ބުނެފައިވާ ކަމަށްވެސް ވަކީލުން ބުންޏެވެ. މީގެ އިތުރުން، އޭނާއަށް ނޭވާ ކުރުވުމާއި، ބޯއެނބުރުން ފަދަ އުނދަގޫތައް އަދިވެސް ވަމުންދާ ކަމަށާއި، ބަނޑާއި ގޮހޮރުގެ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ދެ ކޮލުދަތް ވެއްޓި، ބަރުދަނުން 25 ޕައުންޑް (11 ކިލޯގްރާމް) ލުއިވެފައިވާ ކަމަށްވެސް ކޯޓު ލިޔުންތަކުގައި ބަޔާންކޮށްފައިވެއެވެ.

ސިއްހީ ގޮތުން ފުރިހަމަ ތަހުލީލުތައް ހަދައި، ޖަލުގެ މާހައުލުން ބޭރުގައި ފަރުވާ ހޯދުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ނިއުޔޯކުން އަމިއްލަ ގެއެއް ހަމަޖައްސައިގެން ގޭބަންދުގައި ބެހެއްޓުމުގެ ހުރިހާ ޚަރަދެއް ދިނުމަށް ފްލޯރެސްގެ ގާނޫނީ ޓީމުން ވަނީ ހުށަހަޅައިފައެވެ. އެ ހުށަހެޅުމުގައި ބުނެފައިވަނީ، އޭނާ ބަހައްޓާނީ އިލެކްޓްރޯނިކް މޮނިޓަރިންއާ އެކު، ވަރުގަދަ ފިޔަވަޅުތަކެއްގެ ދަށުން ކަމަށެވެ.

ނަމަވެސް މި ކަފާލާތުގެ ހުށަހެޅުމަށް އިންކާރުކޮށް ޕްރޮސެކިއުޓަރުން ބުނެފައިވަނީ، ފްލޯރެސްއަކީ ފިއްލަވައިގެން ވަޑައިގަތުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ބޭފުޅެއް ކަމަށެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ސަރަހައްދީ ހޮސްޕިޓަލަކުން އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ދެމުން އަންނަ ކަމަށާއި، އަމިއްލަ ތަނެއްގެ ބަންދަށް އޭނާ ދޫކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށް ޕްރޮސެކިއުޓަރުން ވަކާލާތު ކުރިއެވެ. މީގެ އިތުރުން، ޖުލައި މަހު ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނާ ބުނުމަށް ބާރުދޭ ރަސްމީ މެޑިކަލް ޓެސްޓުތަކެއްގެ ރެކޯޑު ކޯޓަށް ހުށަހަޅާފައި ނެތް ކަމަށްވެސް ޕްރޮސެކިއުޓަރުން ފާހަގަކުރިއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް ޕްރިޒަންސް އިން ބުނީ، ގައިދީންގެ ޒާތީ މައުލޫމާތާއި ސަލާމަތީ އުސޫލުތައް ހުންނަ ގޮތުން އޭނާގެ ސިއްހީ ހާލަތުގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށެވެ. ފްލޯރެސް ގޭބަންދަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމަވާނީ އެމެރިކާގެ ޑިސްޓްރިކްޓް ޖަޖް އަލްވިން ހެލާސްޓައިން އެވެ.