ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ.
ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހައި ވަކިކޮށްފިނަމަ، ކޯރުގެ ބާކީބަޔަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.
މީގެއިތުރުން، މަގު ހެދުމުގެ މަސައްކަތުގެ ތެރޭގައި މަގަށް އަރާފައިވާ ބައިތައް ފޮރުވާލުމުގެ ސަބަބުން އަލަކޯރުތަކަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުނަގާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކެލާ ދަނޑުބިން ސަރަހައްދު އަލަކޯރުތަކުން މަގަށް އަރާފައިވާ ބައި އާރު.ޑީ.ސީ ގެ އެހީތެރިކަމާއިއެކު ވެލިއަޅާ ފޮރުވާލުމުގެ މަސައްކަތް ވެސް ކެލާ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!