ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ގައުމީ މަސްލަހަތު އިސްކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެތެރޭގެ އިންތިޚާބަކަށް ވިޔަސް، ގައުމީ ފެންވަރުގެ އިންތިޚާބަކަށް ވިޔަސް، ނުވަތަ ގޭތެރޭގައި ބާއްވާ ކުޑަ އިންތިޚާބަކަށް ވިޔަސް، ވާދަކުރާ ނަމަ މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށެވެ.

Ad
d

އެހެންނަމަވެސް، އިންތިޚާބު ނިމޭ ހިސާބުން އެއްވެސް ކަހަލަ ބައިބައިވުމެއް އައިސްގެން ނުވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަޒުމަކަށްވާންވާނީ އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެންނުވާނެކަން، އަޅުގަނޑުމެން މިތިބީ ވަރަށް ވަރުގަދަ ޢަޒުމެއްގައި ވަރަށް މާތް މަގުސަދެއްގައި ނުކުމެ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން، ޤައުމަށްޓަކައި އިޚްލާޞްތެރި މަސައްކަތްތަކެއްކުރާ ބަޔެއް އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން އެންމެންނަކީ ޕާޓީދެކެ ލޯބިވާ ޤައުމުދެކެ ލޯބިވާ އިޚްލާޞްތެރިން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެންމެންނަކީ ވެސް ޕާޓީ އަދި ގައުމު ދެކެ ލޯބިވާ އިޚްލާސްތެރިން ކަމަށެވެ. އަދި އިންތިޚާބުތަކުގައި ކާމިޔާބު ނުވާ ފަރާތްތަކުން، ކާމިޔާބުވި ފަރާތްތަކަށް މަރުހަބާ ކިޔުމަށްފަހު، އެކުވެރިކަމާއެކު ސަލާން ގަލާން ކޮށްލައިގެން ގައުމައިގެން ކުރިއަށްދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

‘’އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވެގެން ކޮންމެސް ބަޔަކު މޮޅުވާނީ، ކޮންމެސް ބަޔަކަށް ކާމިޔާބުވާނީ، ކާމިޔާބު ނުވާ ފަރާތްތަކުން ކާމިޔާބުވީ ފަރާތްތަކަށް މަރުޙަބާ ވިދާޅުވެފަ އެ ހިސާބުން ސަލާން ގަލާންކޮށްލާފައި ކުރިއަށްދާނީ’’ ރައީސް ވިދާޅުވިއެވެ.

Ad
df