ސައޫދީ އަރަބިއްޔާގެ މައްކާ، ތާއިފް، ޖިއްދާ އަދި އެ ސަރަހައްދުތަކުގެ ވަށައިގެންވާ ހިސާބުތަކަށް ކުރިމަތިވެދާނެ ކަމަށް ބެލެވުނު ނުރައްކާތެރި ހާލަތު ފާއިތުވެ ގޮސްފައިވާ ކަމަށް ސައޫދީގެ ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމުން އިއުލާނުކޮށްފިއެވެ.
ސައޫދީގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ނޭޝަނަލް އާލީ ވޯނިންގ ޕްލެޓްފޯމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ސަރަހައްދުތަކަށް ކުރިމަތިވި ނުރައްކާ މިހާރު ވަނީ ފާއިތުވެފައެވެ. އަދި އާންމު ރައްޔިތުންނަށް އެމީހުންގެ އާންމު ދިރިއުޅުމުގެ ކަންކަމައިގެން ކުރިއަށް ދިއުން ރައްކާތެރި ކަމަށްވެސް ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި އެލާޓްތަކާއި ސައިރަންގެ އަޑުތައް އެންމެ ފުރަތަމަ އިއްވަން ޖެހުނީ ބޯޑަރު ހުރަސްކޮށް އައި މިސައިލާއި ޑްރޯންގެ ހަރަކާތްތަކާ ގުޅިގެންނެވެ. އެއާއެކު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ވަގުތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށް އިންޒާރުގެ ޕްލެޓްފޯމުން ވަނީ އަންގާފައެވެ.
ވަގުތީ ނުރައްކާ ފާއިތުވެފައި ވީނަމަވެސް، ހާދިސާ ހިނގި ސަރަހައްދުތަކަށް އެއްނުވުމަށާއި، ފޮޓޯ ނުނެގުމަށާއި އަދި ސައްހަ ނޫން މައުލޫމާތުތައް ނުފެތުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އަބަދުވެސް ސިވިލް ޑިފެންސްގެ ރަސްމީ ވަސީލަތްތަކުން ދޫކުރާ އިރުޝާދުތަކަށް ތަބާވުމަށް އާންމުންނަށް ވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!