ހދ. ފިނޭ ސުކޫލުގެ ގުރޭޑު ފަހަކުން މަތީގެ ދަރިވަރުންނަށާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފިނޭ ސުކޫލުގައި މި ސެޝަންތައް ބާއްވާފައިވަނީ ކުށްމަދު އަމާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައެވެ.

Ad
d

ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން، ފިނޭ ސުކޫލާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އަހުލާގު ރަނގަޅު ދަރިވަރުންތަކެއް އުފައްދައި، ރައްކާތެރި މުޖުތަމައަކަށް ދަރިވަރުންނާއި ރައްޔިތުން އަހުލުވެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ގުރޭޑު 5 އިން މަތީގެ ހުރިހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންތަކުގައި، ރަނގަޅު އަހުލާގެއްގެ ވެރި ކުއްޖަކަށް ވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި، ކުށުގެ މާހައުލުން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން، ރަނގަޅު ނަތީޖާއަކާއެކު ތައުލީމީ ދައުރު ނިންމުމަށް މަސައްކަތްކުރުމަށާއި، މުދައްރިސުންނާއި ބެލެނިވެރިންގެ ބަސްގަބޫލުކުރުމާއި، ކިޔެވުމުގައާއި އެހެނިހެން ކަންކަމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވެދިނުމުގެ އިތުރުން މުއާމަލާތުކުރުމުގެ ރަނގަޅު ހުނަރުތައް ދަސްކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވުނެވެ.

އެ ސެޝަންތަކުގައި އިހުތިރާމުކުރުމާއި، ވަގުތަށް ހުރުމަތްތެރިކޮށް ހިތުމާއި، ތެދުވެރިކަން އިސްކުރުމުގެ އިތުރުން ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދަރިވަރުންނަށް އިރުޝާދު ދެވުނެވެ. އަދި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކާއި، ނުދަންނަ ފަރާތްތަކާ ގުޅުން ބަދަހި ނުކުރުމަށާއި، ނޭދޭވޭ ނުރައްކާތެރި އާދަތަކުން ދުރުހެލިވެ ތިބުމަށްވެސް އިރުޝާދު ދީފައިވެއެވެ. މީގެއިތުރުން ސުކޫލުގެ ގަވާއިދުތަކަށާއި އާންމު އިޖުތިމާއީ މިންގަނޑުތަކަށް ބޯލެނބުމުގެ މުހިންމުކަމާއި، ސުކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.

ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ސެޝަންގައި، ރަނގަޅު ބެލެނިވެރިއެއްގެ ރޯލަކީ ކޮބައިކަމާއި، ދަރިން ކުށްތަކުން ރައްކާތެރިކުރުމަށް ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން ދަރިން ވަގުތު ހޭދަކުރާގޮތް ރަނގަޅަށް މޮނީޓަރުކުރުމަށާއި، ދަރިން އެކުވެރިންގެ ގޮތުގައި ގެންގުޅޭ ކުދިންނަކީ ކޮބައިތޯ ބެލުމަށާއި، ރޭގަނޑު ބޭކާރު ގޮތުގައި މަގުމަތީގައި އުޅުމަށް ފުރުސަތު ނުދިނުމުގެ އިތުރުން، ފިލާވަޅުތައް ފަރިތަކުރުމުގައި ވަގުތު ހޭދަކުރުމަށް ބާރުއެޅުމަށް އިރުޝާދު ދިނެވެ.

Ad
df

މީގެއިތުރުން، އިންޓަނެޓްގައި ދަރިން ހޭދަކުރާ މިންވަރު ކޮންޓްރޯލްކޮށް، އިންޓަނެޓް މެދުވެރިކޮށް ދަރިން ކުރާ ކަންކަން ރަނގަޅަށް ބެލެހެއްޓުމަށް ބެލެނިވެރިންނަށް އިރުޝާދު ދެވުނެވެ. އަދި ދަރިންގެ އިހުސާސްތަކާއި ކަންބޮޑުވުންތައް އަޑުއަހައި އެކުދިންނާއެކު އޯގާތެރިކަމާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން ބުނެދެވުނެވެ. އަދި އަހުލާގީ ގޮތުންނާއި ދީނީގޮތުން ރަނގަޅު އާދަތައް ދަރިންގެ ކިބައިގައި އަށަގަންނުވައި، ބެލެނިވެރިން ނަމޫނާ ދެއްކުމަށާއި ދަރިންގެ ތައުލީމާއި އަހުލާގާ ގުޅޭގޮތުން މުދައްރިސުންގެ މަޝްވަރާއާއި ހިޔާލު ހޯދުމުގެ މުހިންމުކަން ވެސް މި ސެޝަންގައި ވަނީ ބުނެދީފައެވެ.