ގްރޭންޑް މިސްކިތް ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތާއި އިސްލާމީ ތަހުޒީބީ މަރުކަޒުގެ ބިންގާ މާދަމާ އެޅުމަށް ތައްޔާރުވަމުން އަންނައިރު، އެ މިސްކިތުގެ ނަމަކަށް "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" އަދި އިސްލާމީ ޙަޟާރަތާ ބެހޭ މަރުކަޒު ކިޔުމަށް ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، މި ބިނާއަށް ސުލްތާން މުޙައްމަދު ބިން ޢަބްދުﷲގެ ނަންފުޅު ދެއްވާފައިވަނީ، ހިޖުރައިން 548 ވަނަ އަހަރު ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ރަސްކަލުގެ ނަމުންކަމަށެވެ. ސުލްތާން މުޙައްމަދު ބިން ޢަބްދުﷲ އިސްލާމްދީން ޤަބޫލުކުރެއްވުމަކީ ރާއްޖެ އިސްލާމީ ދައުލަތަކަށް ބަދަލުވުމަށް މަގުފަހިވެ، ޤަރުނުތަކަކަށް ދެމިގެންދިޔަ ރޫޙާނީ އަދި ތަހުޒީބީ ދަތުރުގެ ފެށުމެވެ. މި މަޝްރޫޢު ފެށިގެން މިދަނީ ރާއްޖެއަށް އިސްލާމްދީން އައިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ދިމާކޮށެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ބިނާކުރާ މައި މިސްކިތަކީ އެއްފަހަރާ 10،000 އަށްވުރެ ގިނަ ނަމާދުވެރިންނަށް ޖާގަ ލިބޭނެ މިސްކިތެކެވެ. މީގެއިތުރުން، މި މަރުކަޒުގައި ތަޢުލީމީ، ޘަޤާފީ އަދި އިޖުތިމާޢީ މަރުކަޒަކާއި، އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުޚާނާއެއްގެ އިތުރުން ކީރިތި ޤުރްއާނާ ބެހޭ މިއުޒިއަމެއް ހިމެނޭނެއެވެ. އަދި އެކި ބޭނުންތަކަށް ބޭނުންކުރެވޭ ހޯލަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ސަރަޙައްދަކާއި، އިސްލާމީ ފޮތްވިއްކާ ފިހާރައަކާއި، ހަދިޔާ ފިހާރައެއްގެ އިތުރުން މައުރަޒު ހޯލެއްވެސް ހިމެނެއެވެ.

އިސްލާމީ ތަހުޒީބީ މަރުކަޒަކީ ރާއްޖެއަށް އިސްލާމްދީން އައި ގޮތާއި، އިސްލާމީ ތަހުޒީބު ކުރިއަރައިގެން ދިޔަ ގޮތުގެ ތާރީޚު ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައިދޭނެ ތަނެކެވެ. މީގެއިތުރުން 900 އަހަރުގެ ތެރޭގައި އިސްލާމްދީނަށް ޚިދުމަތް ކުރެއްވި ޢިލްމުވެރިންނާއި ސުލްތާނުންގެ ތާރީޚާއި ޚިދުމަތްތައް މި މަރުކަޒުން ފެނިގެންދާނެއެވެ. އަދި އިސްލާމީ ކަންކަމަށް އެހީތެރިވުމަށާއި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި، މި މިސްކިތް ކޮމްޕްލެކްސްގައި ޢައުޤާފު (ވަޤުފު) ތައްވެސް ހިމެނޭނެއެވެ.

މި މަރުކަޒަކީ ހަމައެކަނި އަޅުކަންކުރާ އަދި އުނގެނޭ ތަނެއްގެ އިތުރުން، ރާއްޖޭގެ އިސްލާމީ ތަހުޒީބާއި، ސުލްޙަވެރިކަމާއި އެކުއުޅުމުގެ މަތިވެރި ސިފަތައް ދުނިޔެއަށް ދައްކުވައިދޭ ޘަޤާފީ އަދި ފަތުރުވެރިކަމުގެ މަންޒިލަކަށް ވެގެންދާނެއެވެ. މާތް ﷲގެ ވާގިފުޅާއެކު ދެ އަހަރު ދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރެވޭކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މި މަޝްރޫޢަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އެއްބާރުލެއްވުމަށް، ޚާއްޞަކޮށް 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މި މަޝްރޫޢު އިޢުލާންކުރެއްވި ކަމަށްޓަކައި އެމަނިކުފާނަށް އިސްލާމިކް މިނިސްޓަރު ޝަހީމް ޢަލީ ސަޢީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މިސްކިތާއި ވަޤުފު މަޝްރޫޢުތަކަށް ޚަރަދުކޮށް، ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ސައުދީއަރަބިއްޔާގެ އަލް ރާޖިޙީ ކުންފުނިން (Al Rajhi Company) ކަމަށްވާތީ އެ ކުންފުންޏަށް ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. އަދި މި މަޝްރޫޢުގެ ކަންކަން ފަސޭހަކޮށްދީ، އެއްބާރުލުން ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަދާކުރި މުހިންމު ދައުރަށްޓަކައި އެ ކޯޕަރޭޝަނަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.