2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މޮރޮކޯގެ ކަސަބްލާންކާގައި ބާއްވާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވިދާޅުވެ، ސިޔާސީ މަންފާ ނެންގެވުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެ، މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް ވަރަށް ބޮޑަށް ކޯފާވެ، ފާޑުވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު ފާޑުވިދާޅުވީ، ފައިނަލް މެޗު ބާއްވާނެ ގައުމެއް ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާ (ފީފާ) އިން އަދި ނިންމާފައި ނުވަނީސް، ފެޑަރޭޝަނުގެ ރައީސް އެފަދަ ދައުވާއެއް ކުރެއްވުމުންނެވެ.
މޮރޮކޯގެ ރޯޔަލް މޮރޮކަން ފުޓްބޯލް ފެޑަރޭޝަން (އާރްއެމްއެފްއެފް) ގެ ރައީސް ފައުޒީ ލެކްޖާއާ ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލް މެޗު މޮރޮކޯގެ ބެންސްލިމާން ޕްރޮވިންސްގައި ބޭއްވުމުގެ "ޝަރަފު" އެ ގައުމަށް ލިބޭނެ ކަމަށެވެ. ނަމަވެސް، އެއީ ފީފާއިން އަދި ރަސްމީކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބޮޑުވަޒީރުގެ އޮފީހުންނާއި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މި މަހު ފަހުކޮޅު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކުރިން ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު އަޒީޒް އަޚަންނޫޝް ވަނީ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ. އަޚަންނޫޝް ވިދާޅުވީ، ވޯލްޑް ކަޕްގެ މުހިންމު ފައިނަލް މެޗު މޮރޮކޯގައި ބާއްވާނެ ކަމަށް ވިދާޅުވެ ވައުދުވެވަޑައިނުގަތުމަށާއި، އެކަމާ މެދު މޮރޮކޯއާއެކު މުބާރާތް އިންތިޒާމުކުރާ އެކުވެރި ގައުމުތައް ކަމަށްވާ ސްޕެއިން އަދި ޕޯޗުގަލްއާއެކު އަދި މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ގައުމުތަކަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިންތިޚާބީ ވައުދުތައް ބޭނުންކޮށްގެން އަހަރެމެންގެ ފައިދަށުން ބިންގަނޑު ދަމައިގަންނަން މަސައްކަތް ކުރުން ހުއްޓާލާ. މިއީ ވަރަށް ބޮޑެތި މައްސަލަތައް. ފައިނަލް މެޗު ބާއްވާނެ ތަނެއް ނިންމުމަކީ ވަރަށް ބޮޑު ކަމެއް،" އަޚަންނޫޝް ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ މި ވާހަކަތަކާ ގުޅިގެން މޮރޮކޯގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަކި އެއްޗެއް ބުނަން އެދުމުންވެސް އެ ފެޑަރޭޝަނުން އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް އިންތިޒާމުކުރާ ތިން ގައުމު ކަމަށްވާ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގެ ތެރެއިން ފައިނަލް މެޗު ބާއްވާނީ ކޮން ގައުމެއްގައިކަން ފީފާއިން އަދި އިއުލާނެއް ނުކުރެއެވެ. ފީފާގެ ތަރުޖަމާނަކު ބުނެފައިވަނީ އެކަމާ މެދު ނިންމުން ނިންމާނީ އެކަމަށް އެކަށީގެންވާ ވަގުތު ޖެހުމުން ކަމަށެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މޮރޮކޯގައި ބިނާކުރާ 115،000 ސީޓުގެ ބޮޑު ސްޓޭޑިއަމްގެ މަސައްކަތް މި އަހަރުގެ މޭ މަހުގެ ނިޔަލަށް އުޅެނީ 30 އިންސައްތައިގައެވެ. އެ މަޝްރޫއު ހިންގާ އޮފިޝަލުން އުއްމީދު ކުރަނީ 2027 ވަނަ އަހަރުގެ ނިޔަލަށް އިމާރާތްކުރުމުގެ މަސައްކަތް ނިންމާލުމަށެވެ.
ވޯލްޑް ކަޕްގެ ފައިނަލް މެޗު ބާއްވާނެ ތަން އިއުލާންކުރުމުގައި ފީފާއިން އާންމުކޮށް ވަގުތު ނަގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ޖުލައި މަހު ބާއްވާ މުބާރާތުގެ ފައިނަލް މެޗު ނިއު ޖާސީގައި ބާއްވާނެ ކަން ފީފާއިން އިއުލާންކުރީވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!