ރާއްޖޭގައި ގައުމީ ފެންވަރުގައި އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ފުރަތަމަ ފަހަރަށް ދިން އެވޯޑުތަކުގެ ތެރެއިން، ގައުމީ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މުހިންމު ދެ އެވޯޑެއް ވަނީ ލިބިފައެވެ.

ބާސެލޯ ނަސަންދުރަ ހޮޓެލްގައި ބޭއްވި ހާއްސަ ހަފުލާގައި އެމްޑަބްލިޔުއެސްސީއަށް ލިބުނު މި އެވޯޑުތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެވޯޑުތައް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

Ad
rt

އިންޖިނިއާސް އެވޯޑް 2026 ގައި އެމްޑަބްލިޔުއެސްސީއަށް ލިބުނު ފުރަތަމަ އެވޯޑަކީ "ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް" އެވެ. މިއީ އިޔާދަކުރަނިވި ހަކަތައާއި ނޭސް ބެޓެރި ބޭނުންކޮށްގެން ކާބަން މަދުކޮށް މޫދުލޮނު މީރުފެނަށް ބަދަލުކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ ޕްރޮޖެކްޓަށް ދިން އެވޯޑެކެވެ.

ދެވަނަ އެވޯޑެއްގެ ގޮތުގައި އެ ކުންފުންޏަށް ލިބުނީ "ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް" އެވެ. މި އެވޯޑު ލިބުނީ ރ. ދުވާފަރުގައި ހިންގި އިންޓަގްރޭޓެޑް ޔޫޓިލިޓީ ސާވިސަސް ޕްރޮޖެކްޓަށެވެ. މި މަޝްރޫއުގެ ދަށުން ބޯފެނާއި، ނަރުދަމާ އާއި، ކުނި މެނޭޖުކުރުމުގެ އިތުރުން ވާރޭފެން ނެގުމާއި އިޔާދަކުރަނިވި ހަކަތައިގެ ހިދުމަތް އެއް ނިޒާމެއްގެ ދަށުން ވަނީ ފޯރުކޮށްދީފަ އެވެ. އެމްޑަބްލިޔުއެސްސީން ބުނީ މި މަޝްރޫއުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި އާންމު ސިއްހަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން، އެ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ޑރ. ފުރުގާން އިބްރާހިމް ވަނީ މި ހަފުލާގައި ޝަރަފުވެރި ދެ އެވޯޑެއް ހާސިލުކުރައްވާފަ އެވެ. އެއީ "އިންޖިނިއާ އޮފް ދަ އިޔާ" އެވޯޑާއި "އިންޖިނިއަރިން އިނޮވޭޝަން، ޓެކް، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް" އެވެ.

މި ކާމިޔާބީތަކާ ގުޅިގެން މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވަނީ މިއީ މުޅި ކުންފުންޏަށާއި ގައުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރައްވައި، ކުންފުނީގެ މުވައްޒަފުންނާއި ޑރ. ފުރުގާނަށް މަރުހަބާ ވިދާޅުވެ، މުޖުތަމައަށް ފައިދާހުރި އީޖާދީ މަސައްކަތްތަކުގައި މުވައްޒަފުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކުރައްވާފަ އެވެ.