ހއ. ވެލިފިނޮޅު ހިމެނޭ ފަޅުތެރޭގައްޔާއި، ވެލިފިނޮޅާއި ހޯރަފުށްޓާ ދެމެދު އޮންނަ ފަޅު ސަރަޙައްދުގައި ޕީއެޗްޑީ ދިރާސާއަކަށް ބޭނުންވާ ސާމްޕަލް ނެގުމަށާއި މޮނިޓަރ ކުރުމަށް ޚާއްޞަ އާލާތްތަކެއް ބަހައްޓާފައިވާތީ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ހޯރަފުށީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ކައުންސިލުން މިކަމަށް އިލްތިމާސްކުރީ އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނެރުނު އިޢުލާނެއްގައެވެ.

Ad
rt

ހޯރަފުށީ ކައުންސިލުން ބުނީ މިއީ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯރ އިން ޕީއެޗްޑީ ފުރިހަމަކުރަމުންދާ ދަރިވަރަކު އެ ކޯހުގެ ރިސާޗަކަށް ކުރިއަށްގެންދާ ދިރާސާއެއް ކަމަށެވެ. މި ދިރާސާގެ ބޭނުމަކީ ހއ. ވެލިފިނޮޅު ސަރަހައްދުގެ ރާޅާއި، އޮޔާއި، ދިޔަވަރުގެ އިތުރުން ވެއްޔާ ގުޅޭ ޑޭޓާ ހޯދުން ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށްޓަކައި އެ ސަރަހައްދުގެ 18 ތަނެއްގައި ޚާއްޞަ ޑިވައިސްތަކެއް ހަރުކުރުމަށް ވަނީ ނިންމާފައެވެ. ކައުންސިލުން އާންމުކުރި އިޢުލާނުގައިވާ ގޮތުން، މި އާލާތްތައް ބަހައްޓާފައިވާ ސަރަޙައްދުތައް އެ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ޗާޓުގައި ބަޔާންކޮށްފައިވާނެއެވެ.

މި އާލާތްތައް ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ސަރަޙައްދުތަކުގައި ބަހައްޓާފައި ހުންނާނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ. އެހެންކަމުން، އެ ފަޅުތެރޭގައި ދަތުރުކުރާ ޑިންގީ، މަސްދޯނި އަދި އެހެނިހެން އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން އެ ސަރަޙައްދުތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކައުންސިލުން ބުނެފައިވަނީ މި އާލާތްތައް ޤާއިމުކޮށްފައިވާ ސަރަޙައްދުތަކުން ދަތުރުކުރާއިރު ރައްކާތެރި ދުރުމިނެއް ބެހެއްޓުމަށާއި، އެ ސަރަޙައްދުތަކަށް ނަގިލި ނޭޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ޑިވައިސްތަކުގައި އަތްލާ ނުހެދުމަށާއި، މި ތަކެއްޗަށް އެއްވެސް ގެއްލުމެއް ނުދިނުމުގެ އިތުރުން، ތަކެތި ނެގުމަށް އެއްވެސް މަސައްކަތެއް ނުކުރުމަށްވެސް ކައުންސިލުން ދަންނަވާފައިވެއެވެ.

ޚާއްޞަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަޙައްދުން ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އާންމު ރައްކާތެރިކަމާއި، މި ދިރާސާއަށް ބޭނުންކުރާ އާލާތްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އެންމެހައި ފަރާތްތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާކަމަށްވެސް ހޯރަފުށީ ކައުންސިލުގެ އިޢުލާނުގައި ބުނެފައިވެއެވެ.