ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ދެވަނަ ދުވަހުގެ މެޗުތައް ހދ. ކުޅުދުއްފުށީ ސިޓީ އާއި ހއ. ދިއްދޫ ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުމެޗު ކުޅުދުއްފުށީ ސިޓީ ކާމިޔާބުކުރީ ނޮޅިވަރަމާއި ވާދަކޮށް 3-1 ސެޓުންނެވެ.
ރޭ ކުޅުނު މެޗުގައި ދިއްދޫ ވަނީ ބާރަށް ބަލިކޮށްފައެވެ. ދިއްދޫ މި މޮޅު ހޯދީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.
ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ ދެ މުޗު ކާމިޔާބުކޮށްފައި ވަނީ ހދ. ހަނިމާދޫ އާއި ފިނެއެވެ. އެ ދުވަހުގެ މެޗުތަކުގައި 3-1 އިން ހަނިމާދޫ ކެލާ ބަލިކުރިއިރު، ފިނޭ ވަނީ ސީދާ ތިން ސެޓުން މުރައިދޫ ބަލިކޮށްފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ވަށަފަރާއި މުރައިދޫއެވެ. މިރޭ ކުޅޭނީ ހަނިމާދޫ އާއި ފިނެއެވެ.
މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.
އެއީ: ހދ. އަތޮޅުން ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީ އެވެ. ހއ. އަތޮޅުން ވަށަފަރު، ދިއްދޫ، މުރައިދޫ، ކެލާ، ފިއްލަދޫ އަދި ބާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!