އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ދަށުން މަޢުލޫމާތު އެއްކުރުމާއި ޓެސްޓުތައް ހެދުމުގެ ޕްރޮގްރާމް މި މަހު ކުޅުދުއްފުށީ ސިޓީގައި ފަށާނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ، އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމުގެ ތެރެއިން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތްތަކުގެ ޞިއްޙީ މަޢުލޫމާތު އެއްކުރުމާއި، 35 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ބައެއް ލެބޯޓްރީ ޓެސްޓްތައް ހެދުމުގެ މަސައްކަތް ރާއްޖޭގައި ވަނީ ފަށާފައެވެ. މި ޕްރޮގްރާމް މި ހިނގާ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުޅުދުއްފުށީ ސިޓީގައި ފެށުމަށް މިހާރު ވަނީ ހަމަޖެހިފައިކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

Ad
rt

ކޭއާރުއެޗުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ އެއްކުރާނީ ކުޅުދުއްފުށީ ސިޓީގެ މުއައްސަސާތަކުގައި މަސައްކަތްކުރާ ރައްޔިތުންގެ މައުލޫމާތެވެ. އެއަށްފަހު ވަކިވަކި ގޭބިސީތަކަށް މައުލޫމާތު އެއްކޮށް ޓެސްޓްތައް ހެދުން ކުރިއަށް ގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ކޭއާރުއެޗު އިން ހާމަކުރި ގޮތުގައި، މުޖުތަމަޢެއް ކުރިއަރައި ދިއުމުގައި ޞިއްޙީގޮތުން ދުޅަހެޔޮ އާބާދީއެއް އޮތުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވެފައިވާ އަދި ދުޅަހެޔޮ އާދަކާދަތަކަށް އަހުލުވެރި ރައްޔިތުންތަކެއް އުޅޭ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އިބްތިދާޢީ ޞިއްޙީ ފަރުވާގެ ނިޒާމު ވަރުގަދަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

މީގެއިތުރުން، ބަލިވުމުން ފަރުވާކުރުމުގެ ނިޒާމަކުން ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް އިސްކަންދޭ ނިޒާމަކަށް ބަދަލުވުމުގައި، އެ މުޖުތަމަޢެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ޝާމިލުވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވެސް ކޭއާރުއެޗުން ބުނެފައިވެއެވެ. މިފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ މި މަސައްކަތުގައި ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.