ރާއްޖޭގައި އޮންލައިން ގޭމިން، ބެޓިންގ އެޕްތައް އާންމުވެ، ޒުވާނުންނާއި އާއިލާތަކުގެ މައިތަނބު (ފިރިން) މި ކަމުގެ މަޅީގައި ޖެހެމުންދާކަމީ، ދިވެހި މުޖުތަމަޢުއަށް ދިމާވަމުންދާ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ފައިސާ ހޯދިދާނެކަމަށް ދެކި، އަޖުމަބަލައިލުމުގެ ގޮތުން ނުވަތަ ތިމާގެ ނަސީބު ހުރިގޮތެއް ބަލައިލުމަށްޓަކައި ފަށާ، ފެށުން ދެވި ހިފުމަކަށް ބަދަލުވެގެން ދެއެވެ. ފަސޭހައިން، އަރާމުގައި އިނދެ، ފައިސާ ހޯދުމަށް ހިތް ދަހިވެތިވަނީއެވެ. ދާ އޮހޮރުވުމަކާނުލައި، އަތްފައި ހަލުވައިނުލައި، އަރާމު ގޮނޑީގައި އިންދާ، ސްކްރީނަކަށް ފިތާލައިގެން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފައިސާތައް ފުނިޖެހުމަށް ތިމާ އެދޭ އެދުމާއި، ކުރެވޭ އުއްމީދުގެ ސަބަބުން ތިމާގެ ޣާފިލްކަން އިތުރުވެގެން ދެއެވެ.

ޒައިނާ ( އަސްލުނަމެއް ނޫން ) ގެ ދިރިއުޅުން އެ ފުށްމިށަށް ޖެހިގެން ދިޔަ ހާދިސާ އޭނާ ހިއްސާ ކުރީ ދުނިޔެމަތިން ފޫހިވެފައި އިނދެއެވެ. ފުރާވަރު ޢުމުރުގެ ދެ އަންހެން ދަރިންނާއި، ސްކޫލްގެ ބިންގާ އަލަށް އަޅަން ތައްޔާރުވެފައި ހުރި ކުޑަ ފިރިހެން ދަރިޔަކު ހުރި އިރު، ފިރިމީހާ، އަމަން ( އަސްލު ނަމެއް ނޫން ) ދެ މީހުން ލޯބިން ބިނާކުރި ދިރިއުޅުމުގެ ބިންގާ ގުޑުވައިލައިފިއެވެ.

Ad
rt

މީގެ ކުރިން ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ޒިންމާ އެންމެ ފުރިހަމައަށް ނަގަމުންދިޔަ އަމަން، ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ޒައިނާއަށް އެކަން ރޭކާލީ، ފޯނަށް އައި އެންމެ މެސެޖަކުންނެވެ. އެއީ ޒައިނާގެ އެކައުންޓުން ފައިސާ ކެނޑުނުކަމުގެ މެސެޖެކެވެ. ބޮޑު ޢަދަދަކުން އަމަން އޭނާގެ އެކައުންޓުން ފައިސާ ނަގަނީ ކީއްވެތޯ ކުރާ ސުވާލަށް އަމަން ދެނީ މުޅިންވެސް ފިނި ޖަވާބެކެވެ. މި ވަބާގެ ޝިކާރައަކަށްވެފައި ތިބޭ މީހުންގެ ފުރަތަމަ މަރުޙަލާ އެ މީހުން ކަޑައްތު ކުރާނީ، ޙަޔާތުގެ ބައިވެރިޔާއަށް ދޮގުހަދައި އޮޅުވާލުމުގައެވެ.

އަމަން ވެސް ކަންތައް ކުރީ އެހެންނެވެ. ލޯބިވާ ފިރިމީހާއަށް ކުރާ އިތުބާރާއި ޤަދަރުގެ ސަބަބުން، ފައިސާގެ ކަންކަމުގައި މާ ގިނައިން ދެބަސްވާކަށް ޒައިނާއަކަށް ނުކެރެއެވެ. ނަތީޖާއެއްގެ ގޮތުން ޒައިނާގެ މުސާރަ ޖަމާވާ ދުވަހު، އެ ހުސްވެގެންދެއެވެ. ދޮގަކަށްފަހު ދޮގެއް ހަދަމުން، މަކަރާއި ޙީލަތަށް ބުރަވަމުން އަމަން ޖުވާގެ ޝިކާރައަކަށްވެ ނިމިއްޖެއެވެ.

ގޭގެ ޚަރަދުތަކާއި، ދަރިންގެ ތަޢުލީމުގެ ޚަރަދުގެ އިތުރުން، ކުލި ނުދެއްކި، އެ އާއިލާ ދަރަނިވެރިވާން ފަށައިފިއެވެ. އެ ހިސާބުން އާއިލީ މައްސަލަތަކަށް ނިމުމެއް ނައެވެ. ޙަޤީޤަތް ހާމަވީ އިރު، ބޭންކުންނާއި އޮފީހުގެ އިތުރުން ރައްޓެހިން އަތުން ވެސް އެތައް ބައިވަރު ފައިސާއެއް ނަގައި، އަމަންވަނީ ބޯ ނުހިކޭ ވަރަށް ދަރަނިވެރިވެފައެވެ. އެ އާއިލާ ހަލާކުވެ ދިޔައީ، އިތުބާރާއި ލޯބި ސިކުންތުގެ ތެރޭގައި ފުނޑުފުނޑުވެ، ދެ މީހުން ދެ ދުޝްމަނުންނަށް ވެގެންނެވެ. ހަމަ އެންމެ ސަބަބަކުންނެވެ. ޖުވާގެ މަސްތުން ފިރިމީހާ ސަލާމަތް ނުވުމުންނެވެ.

ޒައިނާ ފަދައިން މާނީ (އަސްލުނަމެއް ނޫން)ގެ ދިރިއުޅުން ރޫޅި ދިޔައީ ތަފާތު ގޮތަކަށެވެ. މާނީއަކީ ގޭގައި އިންނަ އަނތްބެކެވެ. ކުޑަ ފިރިހެން ދަރިޔަކު ހުރެއެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަނީ ފިރިމީހާ ނިޒާމް (އަސްލުނަމެއްނޫން) އެކަންޏެވެ. މާލޭގައި ކުއްޔަށް އުޅެމުން އެއްވެސް ދަތިކަމެއް ނެތި ހުރިހާ ޚަރަދެއް ފިރިމީހާ ބަލަހައްޓައެވެ.

އެއްދުވަހަކު ނިޒާމް ގެއަށް އައީ އުފަލުން ފޮޅެމުންނެވެ. ރައްޓެއްސަކާއެކު ކޮފީމޭޒަކަށް އަރައި، އެންމެ ގަޑި އިރެއް ތެރޭ ދެހާސް ޑޮލަރު އޭނާއަށް ލިބުނު ވާހަކަ މާނީ ގާތު ނިޒާމް ބުންޏެވެ. މާނީއަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. އެކަން އޮޅުން ފިލުވާހިތުން މާނީ ސުވާލު ކުރުމުން، ނިޒާމް ވަރަށް ސާފުކޮށް މާނީއަށް އޮޅުންފިލުވައިދިނެވެ.

އިންޑިއާއަށް ގޮސް ޑޮލަރު ގަނެ، ވިއްކާ އުސޫލުން ކުރާ ކަމެއްކަމުގައި ބުނެދިއެވެ. ފަސްސަތޭކަ ޑޮލަރު ލާއިރަށް، އިތުރަށް އަގު ބޮޑުކޮށް މާރުކޮއްލަނީ ކަމަށް ބުނެ، މާނީ ލޮލުގައި އަނދުން އަޅުވައިލިއެވެ. އެ ހިސާބުން މާނީ ވެސް އެކަމަށް ރުހުން ދިނީ އޭގެ، ވާނުވާ ނޭނގި އޭނާގެ "ގަމާރު"ކަމުގައޭ މިއަދު މާނީ ބުނެއެވެ.

ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ނިޒާމްގެ އުޅުމާއި، މިޒާޖު މުޅިން ބަދަލު ވެއްޖެއެވެ. މާނީއާއި، ދަރިފުޅާއެކު އަބަދު ސަކަރާތްޖަހާ މީހާ، ބަސްމަދުވެ، އެކަނިވެރިކަމަށް ލޯބިކުރަން ފަށައިފިއެވެ. ފޯނު ހިފައިގެން ފާޚާނާއަށް ވަދެ އެތައް ގަޑިއިރެއް އެ ކަމުގައި ހޭދަ ކުރަން ފެށިއެވެ. މާނީއަށް ދެމުންއައި އަޅާލުމާއި ލޯބި އަދި ފިރިއެއްގެ ހުރިހާ ވާޖިބެއް އެއްކޮށް ހުއްޓުނެވެ. ކައިވެނިމަތީގައި އިނަސް، މާނީއަކީ ނިޒާމަށް ހިލޭ މީހަކަށް ވެއްޖެއެވެ. ނިޒާމްގެ ލޯތްބަށް އެދި އާދޭސްކޮށްކޮށް ހުންނަ މާނީ މަޑުމަޑުން ނިޒާމްދެކެ ފޫހިވާން ފެށި އިރު ވެސް ނިޒާމަށް ރެޔަކާ ނުލައެވެ.

ކުޑަކުޑަ ފައިސާކޮޅެއް އަޅައި، ފުރަތަމަ ފެށި ފެށުމުން ބޮޑު ފައިދާއެއް ލިބުނު ނަމަވެސް އޭގެ ފަހުން ނިޒާމަށް ލިބެނީ މުޅިން ވެސް ގެއްލުމެވެ. އަޅާ ފައިސާ ގެއްލި ދިޔުމުން އެ ފައިސާ އަނބުރާ ހޯދަން ނުވަތަ އޭގެ ބަދަލު ހިފުމަކަށް( ރިވެންޖަކަށް) ދަރަނިވެރި ވެގެން ވެސް އޭނާ ފައިސާ އަޅައިގެން ބެޓު ކުރުން ކުރިއަށް ގެންދެއެވެ.

އޭގެ ހިތި ނަތީޖާއަކީ، މާލީ އަނދަވަޅަކަށް ވެއްޓުމުގެ ސަބަބުން ނިޒާމް ނަފްސާނީ ގޮތުން ހަމައެކަނި އެކަމަށް ބަރޯސާވެ، ބަލިކަށިވާން ފެށުމެވެ. ޖަޒްބާތުގައި ޖެހި ރުޅިގަދަ މީހަކަށް ވެއްޖެއެވެ. ފައިސާތައް ގެއްލުމާއި، ދަރަނިވެރިވާން ފެށުމުން އަންނަ ރުޅިގަނޑު އިތުރުވެ، ގޭތެރޭގެ މާޙައުލު ނުތަނަވަސްވެއްޖެއެވެ. ޑިޕްރެޝަންއާއި އެންޒައިޓީގެ އަސަރުގައި އޭނާ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. ކުރިން ދީނީ ކަންކަމަށް ފަރުވާތެރިކަން ބަހައްޓާ ނިޒާމް މިއަދު، މިސްކިތާ މުޅިން ދުރުވެއްޖެއެވެ. މާނީގެ އެންމެ ބޮޑު ހިތާމައަކީ އެއީއެވެ. އޭގެއިތުރުން އަބަދު ފޯނަށް ހުސްވެ އޮތުމާއި، އަނބިދަރިންނަށް އަޅާލުން ކުޑަވެ، ނިޒާމް އޭނާގެ އަމިއްލަ ދުނިޔެއަށް ގެއްލި ހުސްވެއްޖެއެވެ. ވަގުތު ނުދީގެން މާނީ ކުރާ ޝަކުވާތަކަށް، އަބަދު މި އޮންނަނީ ގޭގައެއް ނޫންހޭ ބުނެ އޭނާ، އެ މައްސަލަ އޮއްބާލައެވެ.

"ނިޒާމް އަބަދު ތި އޮންނަ ސޯފާއެކޭ، ނިޒާމްއެކޭ އަހަންނަށް ކޮބާ ތަފާތެއް؟ ހަރަކާތެއް ނެތް، އަނގައިން ބަހެއް ނެތި ނިޒާމް ތިތާ އޮތުމަށް ވުރެ، އެ ސޯފާއެތާ އެކަނި ހުއްޓަސް އަހަންނަށް ހެޔޮ."

މާނީގެ އެންމެ ފަހު ބަހަކަށް މިހެން ބުނެ، ދެ މީހުން ލޯބިން އާރާސްތު ކުރަމުން އައި ދިރިއުޅުމާއި، ގެދޮރު އަދި ފުރާނަފަދައިން ލޯބިވި ފިރިމީހާ ދޫކޮށް، ތުއްތު ދަރިފުޅު ގޮވައިގެން، މާނީ ނިކުތީ ނަފްސާނީ ގޮތުން ބަލިކަށިވުމަށްވުރެ، ދަރިފުޅާއި އޭނާގެ އަމިއްލަ ނަފްސު އިސްކޮށްގެންނެވެ.

ޖުވާ ނުވަތަ ގޭމްބްލިންއަކީ ގެއްލުންތަކެއް ވިޔަސް، އެ ކުޅުން ހުއްޓައިނުލެވި، އޭގެ މައްޗަށް ތިމާގެ އަމިއްލަ އިޙްތިޔާރު ގެއްލިދާ ނުރައްކާތެރި ކަމެކެވެ. އެއީ ވަގުތީ އުފަލެއްވެސް މެއެވެ. މަސްތުވާތަކެތީގެ ވަގުތީ އުފާ ލިބޭ އުޞޫލުން، ޖުވާ ކުޅެގެން، އެއްފަހަރާ ފައިސާތައް ލިބުމުގެ އުފާވެރިކަން ތަކުރާރުކޮށް އިޙްސާސްކުރަން ބޭނުންވެއެވެ. އެ އުފާވެރިކަމަށް ދަހިވެތިވެއެވެ. އެޑިކްޝަންއަކަށް ބަދަލުވެގެންދަނީ އެހިސާބުންނެވެ. އާއިލާރޫޅި، ވަޒީފާ ގެއްލި، ދަރަނިވެރިވިޔަސް، މުޅި ދިރިއުޅުން އެކަމުގެ ކޮންޓްރޯލްގެ ދަށަށް ދެއެވެ.

މިއީ، ނަފްސާނީގޮތުން، މީހާ ބަލިކަށިވުމުގެ ސަބަބުން ޖަޒްބާތުގައި ޖެހި، ގެވެށިއަނިޔާއަށް މަގުފަހިވެ، އަނބިދަރިން މަގުމަތި ކުރުވާ ހަޑިމުޑުދާރު ޢަމަލެކެވެ. ދެމަފިރިންގެ މައްސަލަތަކާއި ޒުވާބުތައް އިތުރުވެ، ދަރިންގެ ކުރިމަތީގައި ފެންނަން ނުވާ މަންޒަރުތައް އާންމުވެ ދިޔުމުން ޖީލެއް އެކަމުގައި ހަލާކުވެދާ ކަމެކެވެ.

މި ނުރައްކާތެރި ވަބާއިން އަދުގެ ޒުވާނުން ސަލާމަތް ކުރުމަކީ، ސަރުކާރުގެ އަމާޒަކަށް ހެދުން މުޙިއްމުކަމުގައި ދެކެމެވެ. ބެޓިން ސައިޓްތަކާއި އެޕްތައް ރާާއްޖޭގެ ނެޓްވޯކްތަކުން ބްލޮކް ކުރުމާއި، މި ފަދަ ކަންކަމަށް ފައިސާ ދައުރުވާ ބޭންކިންގ ޗެނަލްތައް މޮނިޓާކޮށް، އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރެވިދާނެއެވެ. ހޭލުންތެރިކަން އިތުރުކޮށް، ޖީލުތައް ރައްކާތެރިކުރުމަށްޓަކައި، މި ކަމާއި ގުޅޭ ދީނީ ޕްރޮގްރާމްތައް ސްކޫލްތަކާއި ކޮލެޖްތަކުގައި ހިންގުމަކީ އެދެވޭ ކަމެއްކަމުގައި ދެކެމެވެ.

އިސްލާމްދީނުގައި، އަމިއްލަ މަސައްކަތުން ޙަލާލު ރިޒްޤް ހޯދުމަކީ އަޅުކަމެކެވެ. އަނބިދަރިންނަށް ޙަލާލުތަކެތި ކާންދީ، އެ މީހުންގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. ޙަލާލު މިންވަރު މަދުވި ނަމަވެސް އޭގައި ބަރަކާތްލައްވާނެކަން ކަށަވަރެވެ. އަދި އާއިލާގެ ތެރޭގައި، އަމާންކަމާއި އުފާވެރިކަމާއި ލޯބި ދެމި އޮވެއެވެ.

ޖުވާކުޅުމާއި، ވައްކަމާއި، ޚިޔާނަތަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކެވެ. ޙަރާމް ފައިސާއިން ބޮޑުވާ މަސްގަނޑަށް އެންމެ ޙައްޤުވެގެންވަނީ ނަރަކައިގެ އަލިފާންކަމުގައި ޙަދީޘްފުޅުތަކުގައި ބަޔާންވެގެން ވެއެވެ.