އިސްލާމީ ގައުމުތަކުގެ މުސްތަގުބަލު ނިންމަންވާނީ ބޭރުގެ އެއްވެސް ނުފޫޒެއް ނެތި، މުސްލިމުން އަމިއްލައަށް ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ ހަފުތާ ފާހަގަކުރުމުގެ ގޮތުން ނެރުއްވި ހާއްސަ މެސެޖެއްގައެވެ.
ގާލީބާފްގެ މެސެޖުގައި، އީރާނުގައި ދިރިއުޅޭ ސުންނީ އަދި ޝީއީ މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަމަކީ އެ ގައުމުގެ ގައުމީ ބާރާއި ސެކިއުރިޓީގެ މުހިންމު ތަނބެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
ސަރަހައްދަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ބޭރުގެ ބާރުތަކަށް އިސްލާމީ ގައުމުތަކަށް ދާއިމީ ރައްކާތެރިކަމެއް ފޯރުކޮށްދެވޭނެކަން ސަރަހައްދީ ހާދިސާތަކުން ނުދައްކާ ކަމަށެވެ. އަދި ސަރަހައްދީ ސެކިއުރިޓީ ބިނާވާންޖެހޭނީ އިސްލާމީ ގައުމުތަކުގެ އިރާދައާއި އެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"އާ ސަރަހައްދީ މުއާހަދާތަކާއި އިންތިޒާމުތަކުގެ ސަބަބުން، އަވައްޓެރި މުސްލިމް ގައުމުތަކުން ބޭރުގެ ފަރާތްތަކަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ ގާބިލުކަމަށް އިތުބާރުކުރާނެ އާ މަރުހަލާއެއް ފެށިގެންދާނެ،" ގާލީބާފް ވިދާޅުވިއެވެ.
ބޭކާރު ވާދަވެރިކަން އިސްކުރުމުގެ ބަދަލުގައި، އެއްބާރުލުމާއި އަހުވަންތަކަމުގެ މަގު ހިޔާރުކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިސްލާމީ އެއްބައިވަންތަކަމުގެ ފައިދާ ފެންނަމުންދާކަން ފާހަގަކުރައްވަމުން ގާލީބާފް ވިދާޅުވީ، މުސްލިމުންގެ މެދުގައި އޮތް ބަދަހިކަމުގެ ސަބަބުން އިދިކޮޅު ފަރާތްތައް ބަލިކޮށް، ސަރަހައްދަށް ބާރުފޯރުވުމަށް ކުރާ މަސައްކަތްތައް ފަހަތަށް ޖައްސާލުމަށް އެހީތެރިވެދީފައިވާ ކަމަށެވެ.
މީގެއިތުރުން، އިސްލާމީ އުންމަތް އިތުރު އެއްބައިވަންތަކަމާއި، މިނިވަންކަމާއި، ރައްކާތެރިކަމުގެ އިތުރުން އަބުރުވެރިކަމާ ދިމާއަށް މިސްރާބު ޖަހާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ގާލީބާފް ވިދާޅުވިއެވެ. އަދި ބޭރުގެ އެއްވެސް ނުފޫޒެއް ނެތި، މުސްލިމުން އަމިއްލައަށް އެބައިމީހުންގެ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!